އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާތަނަށް އާންމުކުރި ދަފްތަރުގައިވާ ގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފި އެވެ.
އެ ޕާޓީ އުވާލަން ނިންމީ މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ފާސްވާން ބޭނުންވަނީ38 ސެނެޓަރުންގެ ވޯޓެވެ.
މިއަދުގެ ސެނެޓް ބައްދަލުވުމުގެ ކުރިން ފަސޭހައިން ޕާޓީ އުވާލެވޭ ގޮތް ހަދަން އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން:
-
ޕާޓީ އުވާލަނީ 3/4 ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ، 2/3 އަގުލަބިއްޔަތަށް ބަދަލުކުރާ ގޮތަށް.
-
ކުރިން އަސާސީ ގަވާއިދުގައި އޮންނަނީ މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލަން ޖެހޭ ނަމަ ހުށަހެޅުމަށް. މާއްދާގެ އެ ބައި ބަދަލުކުރަނީ ލީޑާޝިޕަށް ފެނިއްޖެ ނަމަ ހުށަހެޅޭ ގޮތަށް.







