މާލެ: 31°C

ސިވިލް ސާވިސްއިން ވަކިކޮށް، އޭޖީ އޮފީސް ވަކި ޚިދުމަތަކަށް ބަދަލުކުރަނީ

December 2, 2024
2 ފަހަރު ބަލާފައި
ސިވިލް ސާވިސްއިން ވަކިކޮށް، އޭޖީ އޮފީސް ވަކި ޚިދުމަތަކަށް ބަދަލުކުރަނީ
ސިވިލް ސާވިސްއިން ވަކިކޮށް، އޭޖީ އޮފީސް ވަކި ޚިދުމަތަކަށް ބަދަލުކުރަނީ
އެޓާނީ ޖެނެރަލް އޮފީސް, ސިވިލް ސާވިސް ކޮމިޝަނުން ވަކިކޮށް ވަކި ހިދުމަތެއްގެ ގޮތުގައި ހެދުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު (ބޮޗޭ) އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އެ ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގައި ހުންނަޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަ ނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުން ހިމެނެ އެވެ. "ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް" އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަކީވެސް އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ހިމަނާފައިވެ އެވެ. ބިލުގައިވާ ގޮތުން ބަނޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލާނެ އެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ. އެއީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުންގެ ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ އެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްރަކުގެ އިދާރީ ހިންގުމާއި އޮފީހުގެ އާންމު އިދާރީ ހިންގުމުގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ ބައެވެ. ސިވިލް ސާވިސްގެ ދަށުން އެޓާނީ ޖެނެރަލް އޮފީސް މަސައްކަތްކުރަން ޖެހިފައިވުމުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަން މީގެ ކުރިންވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މުވައްޒަފުންނާއި ވަކީލުން ހޯދުމުގެ ދަތިކަމާއި މުސާރައިގެ ދަތިތައް ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ