މާލެ: 31°C

ރާއްޖެއަށް ކުރި ވިއްސާރައިގައި މިހާތަނަށް މިލިއަނުން ގެއްލުންވެއްޖެ

December 2, 2024
2 ފަހަރު ބަލާފައި
ރާއްޖެއަށް ކުރި ވިއްސާރައިގައި މިހާތަނަށް މިލިއަނުން ގެއްލުންވެއްޖެ
ރާއްޖެއަށް ކުރި ވިއްސާރައިގައި މިހާތަނަށް މިލިއަނުން ގެއްލުންވެއްޖެ
މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ކުރި ވިއްސާރާގައި ރަށްރަށަށް ލިިބުނު ގެއްލުންތައް މިލިއަނެއްހާ ރުފިޔާއަށްވުރެ މަތިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެންޑީއެމްއޭއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ މިދިޔަ މަހުގެ ނިޔަލަށް ވިއްސާރައިގައި ގެއްލުން ލިބިގެން 10 ރަށަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ރަށްތަކުގެ 110 ގެއަކުން އެކިވަރުގެ ގެއްލުން ލިބި، އެ އޮތޯރިޓީއަށް އެކަން އަންގާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. ވިއްސާރާގައި ގެއްލުންވެގެން ރިޕޯޓް ކޮށްފައިވާ ރަށްތައް:
  • ދ. ބަނޑިދޫ
  • ދ. ހުޅުދެލި
  • ގދ. މަޑަވެލި
  • ހދ. ނެއްލައިދޫ
  • ނ. މާދަރު
  • ރ. ރަސްމާދޫ
  • ސ. ފޭދޫ
  • ޅ. ކުރެންދޫ
  • ސ. ހުޅުދޫ
  • ސ. މަރަދޫފޭދޫ
އެ އޮތޯރިޓީން ބުނީ، އެ ހާދިސާތަކާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗަށާއި، އިމާރާތައް ލިބުނު ގެއްލުމުގެ ޖުމުލަ އަގު 1.1 މިލިއަނަށްވުރެ ބޮޑު ކަމަށެވެ. އަދި އެ 10 ރަށުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުރެންދޫ އަށް ކަމަށެވެ. އެ ރަށުގެ 97 ގެއަކަށް ގެއްލުންވެގެން އެންޑީއެމްއޭއަށް ރިޕޯޓް ކޮށްފައިވެ އެވެ. އަދި އެ ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރެވި، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ދިނުމަށް ހުށަހެޅިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ވެސް ބައެއް ގެތަކަށް ގެއްލުންވުމުގެ ސަބަބުން އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ