މާލެ: 31°C

ކޮޕީ ރައިޓުގެ ހައްޤު 70 އަހަރަށް އިތުރު ކުރެވޭ ގޮތަށް ކޮޕީ ރައިޓާ ބެހޭ ގާނޫނު ފާސްކޮށްފި

December 2, 2024
2 ފަހަރު ބަލާފައި
ކޮޕީ ރައިޓުގެ ހައްޤު 70 އަހަރަށް އިތުރު ކުރެވޭ ގޮތަށް ކޮޕީ ރައިޓާ ބެހޭ ގާނޫނު ފާސްކޮށްފި
ކޮޕީ ރައިޓުގެ ހައްޤު 70 އަހަރަށް އިތުރު ކުރެވޭ ގޮތަށް ކޮޕީ ރައިޓާ ބެހޭ ގާނޫނު ފާސްކޮށްފި
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ. އެ ބިލު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެނޫންވެސް ހައްގުތަކާގުޅޭ ކަންކަން އިތުރަށް ތަފްސީލްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާއާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްނާ ހިމެނޭހެން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުން ހިމެނެ އެވެ. ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރު ކުރުމުގައާއި އެނޫންވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަކީވެސް އެ ބިލް ހުށަހެޅުމުގެ މަގްސަދެކެވެ. އިގްތިސޯދީ ކޮމިޓީން ކުރި ދިރާސާއަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ އެ ބިލާ ގުޅިގެން ކޮމިޓީއިން ކުރި ދިރާސާގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓް ހުށަހަޅުއްވައިދެއްވާފަ އެވެ. ފަޒާދު ވިދާޅުވީ އެ ބިލު ދިރާސާކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެ ބިލް ދިރާސާކުރުމުގައި ކޮމިޓީން ބެލި ކަންތައްތަކަކީ އުފެއްދުންތައް އުފައްދާ ފަންނީ މުސައްނިފާއި ފަންނުވެރިއާގެ ފަންނާއި އުފެއްދުންތަކަށް ލިބިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ނަފާއާއި މަންފާ ލިބޭނެ ގޮތަކަށް ބިލު ފަރުމާކުރުމަށް ކަމަށް ފަޒާދު ވިދާޅުވި އެވެ. ފަޒާދު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއާއި އާ ވަސީލަތްތަކުގެ އުފެއްދުންތައް އުފެއްދުމުގައި މިހާރުގެ ގާނޫނުން ހިމާޔަތް ލިބިފައިނުވާ ކަންކަމަށް ހިމާޔަތް ލިބޭނެ ގޮތަށް ބިލް ފަރުމާކުރުމަށް ކޮމިޓީ މަރުހަލާގައި ބެލި ކަމަށެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއެކު ބިލް ފާސްކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ތާއީދުކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ