މާލެ: 31°C

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ބިލު ހުށައަޅައިފި

December 2, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ބިލު ހުށައަޅައިފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ބިލު ހުށައަޅައިފި
މަސްތުވާތަކެއްޗާބެހޭ ގާނޫނު އިސްލާހުކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިދެއްވީ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދެވެ. އެ ބިލު ހުށަހަޅާ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ, މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އެކަންކަން ހުއްޓުވަން ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ, ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަކީ ވެސް އެ އިސްލާހުތަކުގެ ބޭނުމެކެވެ. މި ބިލުން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން ހިމެނެ އެވެ. އޭގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރަދަނާ ކުރުމާއި ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖާކުރުމަކީ ވެސް އެ ބިލުގައި ހިމަނާފައިވާ ކަންކަމެވެ. އެ ބިލުގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމަކީ ހާސިލްކުރަން ބޭނުންވާ މަގުސަދެއް ކަމަށެވެ. އަދި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުން އެ ބިލުގައި ވަނީ ހިމަނާފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތް ކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންތައް ކަމަށެވެ. ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތް ކުރުމަށް ޓަކައި މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ