މާލެ: 31°C

ޑރ. ރަމީލާ މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވައިފި؛ ސަބަބަކީ ކެންސަރު ބަލީގައި ހާލުކޮޅު ދެރަވުން

December 1, 2024
2 ފަހަރު ބަލާފައި
ޑރ. ރަމީލާ މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވައިފި؛ ސަބަބަކީ ކެންސަރު ބަލީގައި ހާލުކޮޅު ދެރަވުން
ޑރ. ރަމީލާ މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވައިފި؛ ސަބަބަކީ ކެންސަރު ބަލީގައި ހާލުކޮޅު ދެރަވުން
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރުގެ މަގާމުން ޑރ އާއިޝަތު ރަމީލާ އިސްތިއުފާ ދެއްވައިފި އެވެ. އެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވާފައިވަނީ ސިއްހީ ހާލަތު ހުރިގޮތުން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަން ނުދޭތީ އެވެ. ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، "މެޓަސްޓެޓިސް ސީރަސް ޕަޕިލަރީ ކާސިނޯމާ" އަށް ރަމީލާ ފަރުވާ ހޯއްދަވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވެސް ރަމީލާ ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ. ރަމީލާ އޭރު ވިދާޅުވީ، ބަލި ޖެހިފައިވާކަން އެނގިވަޑައިގަތީ ކެންސަރުގެ އެޑްވާންސް ސްޓޭޖުގައި ހުއްޓައި ކަމަށެވެ. އަދި އެކަމަނާ އެ ބައްޔަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ފަހުކޮޅުގަ އެވެ. އޭގެފަހުން ވެސް ރަމީލާ ވަނީ އިތުރު ސާޖަރީއެއް ހައްދަވާފަ އެވެ. މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން އެ އިސްތިއުފާ ގަބޫލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވީ، މިނިސްޓަރެއްގެ ހައިސިއްޔަތުން އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެއްވުމަށް ރަމީލާ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ވެސް ލިބުނު ފަހުރެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި މިނިސްޓަރެއްގެ ހައިސިއްޔަތުން ހިދުމަތް ކޮށްދެއްވި ދުވަސްތަކުގައި، ސަރުކާރަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކޮށް، ޝުކުރު އަދާކުރެއްވި އެވެ. ރަމީލާ މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެކަމަނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ