މާލެ: 31°C

ބިރުވެރިކަން އުފެދޭ ގޮތަށް ޓްވީޓްކުރުމުން ޕޮލިހަށް ހާޒިރުކުރަނީ

November 30, 2024
2 ފަހަރު ބަލާފައި
ބިރުވެރިކަން އުފެދޭ ގޮތަށް ޓްވީޓްކުރުމުން ޕޮލިހަށް ހާޒިރުކުރަނީ
ބިރުވެރިކަން އުފެދޭ ގޮތަށް ޓްވީޓްކުރުމުން ޕޮލިހަށް ހާޒިރުކުރަނީ
ބިރުވެރިކަން އުފެދޭގޮތަށް އެކްސްގައި ކުރި މައްސަލާގައި އެމްޑީޕީގެ އެކްޓިވިސްޓް, ހުސައިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ. ޝާފިއުއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުވާން އަންގާފައިވަނީ 8 ނޮވެންބަރުގެ ރޭ 1:14 ގައި އޭނާގެ "ޗާލީ ތުއްތު" ނަމުގައި ހަދާފައިވާ އެކްސްގެ އެކައުންޓުން ހަޑިހުތުރު ބަސް ބޭނުންކޮށް ބިރުވެރިކަން އުފެދޭގޮތަށް ޕޯސްޓެއް ކުރި މައްސަލާގައި ކަމަށެވެ. މާދަމާ މެންދުރުފަހު 1:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ޝާފިއު ހާޒިރުވާން އަންގާފައިވާއިރު އެ މައްސަލާގައި ސުވާލުކޮށް ބަޔާންނަގަން 4 ގަޑިއިރު ހޭދަވާނެ ކަމަށް ޗިޓުގައި ބުނެފައިވެ އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. ޝާފިއުއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ނައިބެވެ.  ފައްޔާޒު ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދުވެއްޖެ ކަމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ ކަމަށެވެ. "ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ޝާފިއު އެކްސްގައި ކުރި ޕޯސްޓްގައި ވަނީ ސަރުކާރުން ދާދިފަހުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް, ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަޑިހުތުރު ބަހުން ލިޔެފަ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން "އެކްސް" ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެ ޕޯސްޓުގައި ލިޔެފައި މިއޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!” މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ. "މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟" އިހުސާން ވިދާޅުވީ މި ސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފަ ކަމަށް އިހުސާން ވިދާޅުވި އެވެ. ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ