މާލެ: 31°C

ދިވެހިންގެ ހުލްގު ހެޔޮކަން ފަތުރުވެރިންނަށް ދައްކައި ދިނުމަށް ނައިބް ރައީސް އިލްތިމާސް ކުރައްވައިފި

November 30, 2024
2 ފަހަރު ބަލާފައި
ދިވެހިންގެ ހުލްގު ހެޔޮކަން ފަތުރުވެރިންނަށް ދައްކައި ދިނުމަށް ނައިބް ރައީސް އިލްތިމާސް ކުރައްވައިފި
ދިވެހިންގެ ހުލްގު ހެޔޮކަން ފަތުރުވެރިންނަށް ދައްކައި ދިނުމަށް ނައިބް ރައީސް އިލްތިމާސް ކުރައްވައިފި
ރާއްޖޭގެ އަމާންކަމާއި ދިވެހިންގެ އެކުވެރިކަމާއި އަދި ހުލްގު ހެޔޮކަން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް އަމަލީ ގޮތުން ދެއްކުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އިލްތިމާސްކުރައްވައިފި އެވެ. ނައިބު ރައީސް އެގޮތަށް އިލްތިމާސް ކުރެއްވީ ދިވެހި ގައުމިއްޔަތުގެ އިސްވާރުންގެ ފުރަތަމަ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ, ވާހަކަ ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދިނުމަށް ހާއްސަކޮށްގެން, ރާއްޖޭގެ ތާރީހުގައި މިހާތަނަށް އުފެއްދި ފުރަތަމަ ވުޒާރާއިން އިންތިޒާމުކޮށް, އެފަދަ ދަރުބާރެއް އިފްތިތާހުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތާމެދު މަޝްވަރާކޮށް, މައުލޫމާތު ބަދަލުކުރުމަށް އެފަދަ މަހާސިންތާއެއް ފަހުގެ ތާރީހުގައި ބޭއްވިފައި ނުވާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އިސްވާރުންގެ މަހާސިންތާއަކީ ގައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރި ކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ އަދި އީޖާބީ ކަމަށް ވިދާޅުވި އެވެ. މިނިވަންކަމާއި ތަހުޒީބު ގައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިއްމުކަމަކީ ގައުމިއްޔަތު ނެގެހެއްޓުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތާމެދު ފަހުރުވެރިވާ ބަޔަކަށް އެންމެންވެސް ވާންޖެހޭ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ އެ މަހާސިންތާއިން ގައުމިއްޔަތާ ގުޅުންހުރި އަދި ދިވެހިންގެ އަމިއްލަވަންތަކަމާ ގުޅުންހުރި ވަރަށް މުހިއްމު ދާއިރާތަކުން މައުލޫމާތު ހުށަހެޅި, އިލްމީ މަޝްވަރާތަކެއް ކުރެވި އާ އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެކަން ޔަގީންކުރައްވާ ކަމަށެވެ. ދިވެހިންނަކީ އަމިއްލަ ބަހަކާއި އަމިއްލަ ސަގާފަތަކާއި އަމިއްލަ އާދަކާދަތަކެއް އަދި އަމިއްލަ ފަންނުވެރިކަމެއް އޮތް ބައެއްކަަން ފާހަގަކުރައްވާ ވިދާޅުވީ އެއީ ރާއްޖެއަށް ވުރެ ބޮޑެތި އަދި މުއްސަނދި ބައެއް ގައުމުތަކަށްވެސް ލިބިފައި ނުވާ ފަދަ ނަސީބެއް ކަމަށެވެ. ދިވެހިންނަކީ ވަރަށް ނަސީބު ގަދަ ބައެއް ކަމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޗާލު ތުނޑިތަކާއި ހިތްގައިމު ފިނޮޅުތަކައި ސާފު މޫދާއި ކުލަ ރީތި އުދަރެސް މުޅި ދުނިޔޭގައިވެސް ސިފަ ކުރަނީ އެފަދަ ދެވަނައެއް ނެތް ފުރިހަމަ ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. ތައުލީމީ މަންހަޖުގައި ހިމަނާފައިވާ ގައުމިއްޔަތުގެ މާއްދާއަށް އިޝާރާތްކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ސަމާލުކަން ދެއްވާ އެއްކަމަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ގައުމިއްޔަތު ހިމާޔަތްކުރުން ކަމަށާއި އެ މާއްދާ އެގޮތަށް ހިމެނުމުގެ ސަބަބަކީވެސް އެއީ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ