ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމަށް އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
ނ. ހޮޅުދޫ މާރަނގަ ޒަކިއްޔާ މުސާ، 50، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގައެވެ. އޭނާގެ މަރުގައި ޝައްކުތަކެއް އުފެދެނީ އޭނާގެ ކަރުގައި ޒަހަމްތަކެއް ހުރުމާއެކު އެ ތަނުގައި މަސްވަޅިއެއް އޮތުމުންނެވެ.
އޭރު މި ރަށުގައި ވެސް އަދި މީިޑިއާގައި ވެސް ވާހަކަތައް ފެތުރުނީ ޒަކިއްޔާއަކީ ނަފްސާނީ ބަލި މީހެއް ކަމަށާއި އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. އެހެން ނަމަވެސް, އޭނާގެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ވެސް ފަށައިފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މަރުވި ޒަކިއްޔާގެ މަރަށް ދެ މަހަށްވުރެ ގިނަ ވެފައިވާއިރު, މި ރަށުގައި އަނެއްކާ ވެސް އެ ވާހަކަ ފަތުއަޑު ކިޔައިފައި އަންނަނީ ފެތުރެމުންނެވެ. އޭނާގެ މަރަށް އިންސާފު ނުލިބޭ ވާހަކަ އެތައް ބަޔަކު ދަނީ ދައްކަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެ ކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ.







