ޓޫރިޒަމް ދާއިރާ އިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދަށް އެއްވެސް ބަދަލެއް މިހާތަނަށް ނުގެންނަ ކަމަށް މޯލްޑިވް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން މިގޮތަށް ބުނީ، އެ ގަވައިދަށް ބަދަލުތަކެއް ގެނެސްގެން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައި ވަނިކޮށެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން އެކުލަވާލައި މި އަހަރުގެ އޮކްޓޫބަރު 1 ގައި ގެޒެޓްކުރި ގަވާއިދުގައިވާ ގޮތަށް، ވަރަށް ގިނަ ވިޔަފާރިތަކުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. ގަަވައިދު ތަންފީޒު ކުރުން ކުރިއަށް ގެންދާނީ ރައްޔިތުންގެ އަޑު އަހަމުން ކަމަށާއި އޮތޯރިޓީން ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޮންމެ ވިޔަފާރިއަކާއި ކޮންމެ ރައްޔިތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން 173 ރިސޯޓަކުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. މިވަގުތު ރާއްޖޭގައި ހިންގަނީ 174 ރިސޯޓެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑެތި ބައެއް ވިޔަފާރިތަކުން ވަނީ އެ ގަވައިދަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ.







