ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫގެ 70 ގެއަކަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޅ.ކުރެންދޫގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމަށްޓަކައި ރަށުގައި ހުރި ފެންހިންދާ ޕަންޕް ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތްކުރަމުންދާއިރު ކަންޒު ކަނޑައިގެންވެސް ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ބުނެފައެވެ. އެ މަސައްކަތުގައި ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

އިތުރަށް އެ އޮތޯރިޓީން ބުނެފައިވަނީ ފެންވަދެ ގެއްލުން ލިބިފައިވާ ގެތަކުގެ ތެރެއިން މީހުން ދިރިނޫޅެވޭވަރު ވެފައިވާ ގެތައް ދެނެގަނެ އެ ގެތަކުގެ މީހުންނަށް ވަގިތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަނަކަން ހަމަޖެއްސުމުގެ މަސައްކަތް އެރަށުގެ ކައުންސިލާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށާއި އެ ރަށުގެ 70 އަށްވުރެ ގިނަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ކުރަމުން ދާކަމަށެވެ.
