މާލެ: 31°C

ބޭރުން ފައިނޭންސް ހޯދަން ދަތިވާނެ، އެކަމަކު 766 މިލިއަން ޑޮލަރު ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ: ގަވަރުނަރު

November 14, 2024
2 ފަހަރު ބަލާފައި
ބޭރުން ފައިނޭންސް ހޯދަން ދަތިވާނެ، އެކަމަކު 766 މިލިއަން ޑޮލަރު ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ: ގަވަރުނަރު
ބޭރުން ފައިނޭންސް ހޯދަން ދަތިވާނެ، އެކަމަކު 766 މިލިއަން ޑޮލަރު ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ: ގަވަރުނަރު

ރާއްޖޭގެ ރޭޓިން ދަށްވުމުން ބޭރުން ފައިނޭންސިން ހޯދުމަށް ބޮޑު ދަތިތަކެއް ދިމާވާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންއަށް 766 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ) ނުލިބިއްޖެ ނަމަ ރާއްޖޭގެ ރިޒާވަށް އަސަރުކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު (ފޮޓޯ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް ރިފޯމް މަސައްކަތް ކުރިއަށް ގެންގޮސް، ރިޒާވް އިތުރަށް ބޮޑުވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"އެ ފައިސާ ނުލިބިއްޖެ ނަމަ ރިޒާވަށް އަސަރު ކުރާނެ. ރިޒާވް އިތުރު ނުކުރެވޭނަމަ ރޭޓިން ކުންފުނިތަކުން ރާއްޖެއަށް ރަނގަޅު ރޭޓިންއެއް ނުދޭނެ. އެކަމަށް މާލީ ރިފޯމްގެ މަސައްކަތް ވަރަށް މުހިއްމު،" މުނައްވަރު ވިދާޅުވިއެވެ. "ބޭރުގެ ފައިނޭންސިން ހޯދަން މަސައްކަތްކުރާ ފައިސާތައް ހޯދިގެން ޕްރޮޖެކްޓްތައް ފެށިގެން ދިއުން މުހިއްމު. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޑޮމެސްޓިކް ފައިނޭންސިން އިން ހޯދަން ވަރަށް ބޮޑު އަދަދެއް އެބަ އޮތް."

އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންގެ ގޮތުގައި 19 ބިލިއަން ރުފިޔާ ހޯދަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން 6.6 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުގެ ބޭންކްތަކުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޑޮމެސްޓިކް މާކެޓުން ހަތް ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ.

މުނައްވަރު ވިދާޅުވީ ޑޮމެސްޓިކް މާކެޓުން ބޮޑު އަދަދެއް ހޯދަން ޕްލޭން ކޮށްފައި އޮތް ނަމަވެސް އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ބަޖެޓުގައި ނެތުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމްއެމްއޭއަށް ބަރޯސާ ނުވެ، ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ރޭވުން މުހިއްމު ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ