ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ޖެހޭ ގޮތަށް ލާޒިމްކުރި ގަވާއިދަށް ސަސްޕެންޑް ކުރުމަށް ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ކަމަށްވާ ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ސަރުކާރާއި އެމްއެމްއޭގައި އެދިވަޑައިގެންފި އެވެ.
އެމްއެމްއޭއަށް އުއްތު ފޮނުއްވި ސިޓީގައިވަނީ ކޮންމެ މަހަކު ރިސޯޓުތަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރުކުރުމަކީ ވިޔަފާރިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި އުއްޗުގެ ހިއްސާ އޮންނަ ކުރެއްދޫ ހޯލްޑިންސްގެ ލެޓަ ހެޑްގައި ފޮނުއްވި އެ ސިޓީގައިވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިފަދަ ފިޔަވަޅެއް އެޅުމަކީ ވަރަށް ބޭ އިންސާފު ކަމެއް ކަމަށެވެ.
ސިޓީގައިވާ ގޮތުން ދާއިރާގެ ފަރާތްތަކާ މާ ބޮޑު މަޝްވަރާއެއް ނެތި އެފަދަ ނިންމުމެއް ނިންމުމުން، އެކަން އަލުން މުރާޖާކުރަން އެދިވަަޑައިގަންނަވާ ކަމަށެވެ.
އެސިޓީގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް:
- - އެހާ ބޮޑު ބަދަލެއް ގެންނައިރު ދާއިރާގެ ފަރާތްތަކާއެކު އެކަށީގެންވާ މިންވަރަށް މަޝްވަރާ ކޮށްފައި ނުވުން
- - ގަވާއިދަށް ތައްޔާރުވުމަށް ވަގުތު ނުދީ ގަވާއިދު ގެޒެޓް ކުރި ދުވަހުން ފެށިގެން އަމަލުކުރަން ފެށުން
- - ގަވާއިދުގައި ޓޫރިސްޓުން ރިސޯޓުގައި ހޭދަކުރާ މުއްދަތަށް ބަލާފައި ނެތުން.
- - ރިސޯޓުތަކުގެ ފެންވަރަށް ބެލުމެއް ނެތި ހުރިހާ ރިސޯޓަކަށް އެއް ރޭޓެއް ކަނޑައަޅާފައި އޮތުން
- - އެއް ހަމައަކުން ހުރިހާ ރިސޯޓަކުން އަމަލުކުރަން ޖެހުމުން މާލީގޮތުން އިންސާފުވެރި ނުވުން.
- - ހާއްސަ ހާލަތްތަކުގައި ރިސޯޓަށް ޒިޔާރަތްކުރާ ގެސްޓުން އިސްތިސްނާ ނުވުން. މިސާލަކަށް ފޭމް ޓްރިޕްތަކުގައި ނުވަތަ ސްޕޮންސާ ދަތުރުތަކުގައި ރިސޯޓަށް އަންނަ ފަރާތްތައް
- - ސްޓާފުންގެ ވެލްފެއާ އާއި އެ ނޫން ހަރަދުތައް ކުޑަކުރަން މަޖުބޫރު ވެފައިވުން
- - ގިނަ ރިސޯޓުތަކުގެ އިންވެސްޓްމެންޓް އަގު 70 މިލިއަން ޑޮލަރަށް ވުރެ މަތި އަދި ދަރަނި އޮތް ރިސޯޓްތަކުން އަމަލުކުރާނެ ގޮތްތައް ގަވާއިދުން ސާފެއް ނުވޭ







