މާލެ: 31°C

މީޑިއާ ބިލާމެދު އެމްޑީޕީގެ ކަންބޮޑުވުން؛ ޕީއެންސީން ބުނީ ބިލް ރަނގަޅަށް ދިރާސާކުރާނެ ކަމަށް

November 13, 2024
2 ފަހަރު ބަލާފައި
މީޑިއާ ބިލާމެދު އެމްޑީޕީގެ ކަންބޮޑުވުން؛ ޕީއެންސީން ބުނީ ބިލް ރަނގަޅަށް ދިރާސާކުރާނެ ކަމަށް
މީޑިއާ ބިލާމެދު އެމްޑީޕީގެ ކަންބޮޑުވުން؛ ޕީއެންސީން ބުނީ ބިލް ރަނގަޅަށް ދިރާސާކުރާނެ ކަމަށް

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބިލަށް ތާއީދު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މީޑިއާތައް ރެގިއުލޭޓް ކުރަމުން އަންނަ ދެ މުއައްސަސާ އުވާލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވައިފަ އެވެ.

ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތައް އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ މާއްދާތަކެއް ހުރި އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެމްބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު އެވެ.

މި ބިލާމެދު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ "ދަލާއި ލޭ އޮހޮރުވައިގެން ހޯދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް. އެފަދަ ބިލެއް ހުށަހެޅީ، ވެރީންގެ ނާޤާބިލުކަމާއި ފަސާދައިގެ ޢަމަލުތައް ފަރުދާކުރަން. ކޮންމެ ދުވަހެއްގައި ވެސް ފެނިގެން މިދަނީ ޚުދުމުޚްތާރުކަމުގެ ސިފަ" ކަމަށެވެ.

ބިލްގައިވާ ގޮތުން، ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަނުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެކެވެ.

މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.

އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އޭގެ އިތުރުން މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ