މާލެ: 31°C

ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

November 13, 2024
2 ފަހަރު ބަލާފައި
ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ އެ ޕާޓީއެއް އެއްލައްކައިން ޖޫރިމަނާކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދެވެ. އެ ބިލު ފާސްކޮށްފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ. މިހާރުވެސް ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000ރ އާއި 10,000ރ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވެއްޖެނަމަ 30,000ރ އާއި 75,000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް މިހާރުވެސް ގާނޫނުގައި ބުނެފައިވާއިރު އެ ޖޫރިމަނާގެ އިތުރުން އެއްލައްކައިން ޕާޓީ ޖޫރިމަނާކުރަން މި ބިލުގައި ހުށަހަޅާފައިވެ އެވެ. ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށްވެސް ބަދަލު ގެންނަން ހުށަހަޅާފައިވެ އެވެ. މިހާރު އެ ފައިސާ ދެމުން އައީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތައާއި 0.2 އިންސައްތަ އާ ދެމެދު އަދަދެކެވެ. އެހެންނަމަވެސް މި އިސްލާހުގައި ބުނެފައިވަނީ ދެން އެ ފައިސާ ދޭނީ ދައުލަތުގެ ބަޖެޓުގައި ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައާއި 0.2 އިންސައްތަ އިންނެވެ. އޭގެ އިތުރުން އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބު ގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އުނިކުރުން ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެ ގާނޫނުގައި މިހާރުވެސް މިހެން ބުނެފައިވީ ނަމަވެސް ޕްރައިމަރީގައި ވާދަކޮށް އަމިއްލަ ގޮތުން ވާދަކޮށްފައި އެބަ ހުއްޓެވެ. އެ ބިލު ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި ހުށަހެޅި ދެ އިސްލާހަކާއެކު އެވެ. ފުރަތަމަ އިސްލާހަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓިއެއް އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އުވާލެވޭ ހާލަތެއްގައި އުވާލެވޭ ޕާޓީއަކުން ބޭނުންކޮށްގައި ނަމާއި ނިޝާނާއާއި ސައްކައާއި ކުލަ އެ ނޫން ވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީހުން ފެށިގެން 5 އަހަރު ފަހުން ކަމަށް ބުނާ އިސްލާހެކެވެ. ދެވަނަ އިސްލާހަކީ އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރު އުނިކުރުން ހުށަހެޅި އިސްލާހެކެވެ. އެ ގާނޫނުގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއް އުވާލުމުގެ 4 ވަނަ ނަންބަރުގައި ބުނެފައިވަނީ 5 އަހަރަކުން 1 ފަހަރު ޕާޓީގެ ގައުމީ ބައްދަލުވުމެއް ނުބޭއްވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ