މާލެ: 31°C

ކުދި ދަރަނިތައް ސަރުކާރުން ދައްކާ ހަލާސްކޮށްފި

November 11, 2024
2 ފަހަރު ބަލާފައި
ކުދި ދަރަނިތައް ސަރުކާރުން ދައްކާ ހަލާސްކޮށްފި
ކުދި ދަރަނިތައް ސަރުކާރުން ދައްކާ ހަލާސްކޮށްފި
މިދިޔަ ސަރުކާރުން އެކި މަސައްކަތްތައް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާގެ ތެރެއިން ފަސް މިލިއަނަށް ވުރެ މަދުން ފައިސާ ދޭން ޖެހޭ ހުރިހާ ބިލަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދޫކުރި ފައިސާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ލައްވާ ކުރުވި މަސައްކަތްތަކަށްވާ ފައިސާ ކަމަށެވެ. "ދުވަހަކުވެސް ރާއްޖެ ދަރަނިކޮށް ނުލާ ވަރަށް ދަރަނިކޮށްފައި ސަރުކާރު ހަވާލުކުރީ. އަށް ބިލިއަން ރުފިޔާ ޗާޕްކުރި ފަސް އަހަރު ތެރޭގައި. އަޅުގަނޑު ވައުދުވީ ފައިސާ ޗާޕެއް ނުކުރާނެ ކަމަށް. މިހާރު 51 ހަފްތާ 2 ދުވަސްވީ ފައިސާ ޗާޕްނުކުރާތާ. ކުރިއަށް އޮތްތާގައި ވެސް ފައިސާ ޗާޕެއް ނުކުރާނަން،" ރައީސް ވިދާޅުވީ ފައިސާ ޗާޕްނުކޮށް ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސްކުރުން މިދިޔަ ސަރުކާރާ ހިލާފަށް ހުއްޓާލާފައިވާ ކަމަށެވެ. މިދިޔަ ސަރުކާރުން ރައްޔިތުން ލައްވާ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާތަކުގެ ތެރެއިން މި ސަރުކާރުން ދޫކުރި ފައިސާއަކީ އާންމު ވިޔަފާރިތަކަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައި ހުރި ބިލުތަކަށްވާ ފައިސާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "މިދިޔަ ހަފުތާގައި ވަނީ 501 މިލިއަން ރުފިޔާ ޖަމާކޮށްދީފައި. މިދިޔަ 51 ހަފުތާ ތެރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ ވަނީ އާންމު ވިޔަފާރިތައް ލައްވާ ކޮށްފައިވާ މަސައްކަތްތަކަށް ދީފައި" މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުން މުއްސަނދި ކުރަމުން، ރައްޔިތުންނަށް ފައިސާ ދެމުން، ރައްޔިތުންގެ ފައިސާ ހޯދަމުން އަދުލުވެރި ނިޒާމެއް ގާއިމުކުރަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ވެސް ބައެއް ކަންކަން ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މަސައްކަތް ކުރައްވަނީ ވައުދުތައް ފުއްދުމަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ