މާލެ: 31°C

މިއަހަރު ނިމުމުގެ ކުރިން ފްލެޓް ހަވާލުކުރާނަން: ހައިދަރު

November 10, 2024
2 ފަހަރު ބަލާފައި
މިއަހަރު ނިމުމުގެ ކުރިން ފްލެޓް ހަވާލުކުރާނަން: ހައިދަރު
މިއަހަރު ނިމުމުގެ ކުރިން ފްލެޓް ހަވާލުކުރާނަން: ހައިދަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި ޢާންމުކޮށް ޝަކުވާއަށް ހުޅުވާލާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ 4000 ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި އެހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. "ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތުވެސް ހުޅުވާލާފައި އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،" ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަޙްމަދު ވިދާޅުވިއެވެ. ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރިން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ މަހު ޢާންމު ކުރެވޭނެކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށައެޅި ހުރިހާ ފޯމުތަކެއް ބަލަމުންދާތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓް ނެރުން ލަސްކުރީއެވެ. 2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާނުކުރި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ