މާލެ: 31°C

އާބަން ސެންޓަރުތައް ތަރައްގީކުރާނީ އާބާދީ މަދު ރަށްރަށުން މީހުން ބަދަލުވެވޭ ގޮތަށް: މިނިސްޓަރު

November 10, 2024
2 ފަހަރު ބަލާފައި
އާބަން ސެންޓަރުތައް ތަރައްގީކުރާނީ އާބާދީ މަދު ރަށްރަށުން މީހުން ބަދަލުވެވޭ ގޮތަށް: މިނިސްޓަރު
އާބަން ސެންޓަރުތައް ތަރައްގީކުރާނީ އާބާދީ މަދު ރަށްރަށުން މީހުން ބަދަލުވެވޭ ގޮތަށް: މިނިސްޓަރު
ސަރުކާރުން ތަރައްގީކުރާ ކޮންމެ އާބަން ސެންޓަރެއްގައި މަދުވެގެން 10،000 މީހުންގެ އާބާދީއެއް ދިރިއުޅޭނެ ގޮތް ފަހިކުރުމަށް އަމާޒުކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ. ވަޒީރު މިގޮތަށް ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ 7 ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އާބާދީ ކުޑަ ރަށްރަށުގެ މީހުން އެއްތަނަކަށް އެއްފަސްކުރުން ކަމަށެވެ. މިފަރާތްތަކުން ހުރިހާ ހިދުމަތެއް ލިބޭ އެއްތަނަކަށް ޖަމާކުރުމުން މުޅި ރާއްޖެއަށް ތަރައްގީ ގެނުވޭނެ ކަމަށް ހައިދަރު ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ރަށްރަށަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި، ތިމާވެށްޓާ ރައްޓެހި ރަށްރަށް އުފެއްދުމުގެ ތެރެއިން ރައްޔިތުންނަށް ރައްކާތެރި ދިރިއުޅުމެއް އުޅެވޭނެ ކަމަށެވެ. ހައިދަރު ވިދާޅުވީ އާބަން ސެންޓަރުތައް ކަނޑައަޅާފައިވަނީ އެންމެ ކުޑަމިނުން 10،000 މީހުންގެ އާބާދީއަށް ވިސްނައިގެން ކަމަށެވެ. އާބަން ސެންޓަރުތަކަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލުތަކެއްކަން ސާބިތުވާނެ ކަމުގެ ޔަގީންކަން  ދެއްވައި، މަތީ ތައުލީމުގެ އިތުރުން ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކުގެ ފުޅާ ފުރުސަތުތައް އެތަންތަނުން ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ. ހައިދަރު ވިދާޅުވި ގޮތުގައި އާބަން ސެންޓަރުތަކުގެ މަސައްކަތް ނިންމާފައި ވަނީ ހޮވާލެވޭ ރަށްރަށުގައި މިހާރު ކުރެވިފައިވާ އިންވެސްޓްމަންޓްތަކަށް ބެލުމަށްފަހު ކަމަށެވެ. ސިއްހީ އަދި ތައުލީމީ ހިދުމަތްތަކާއި، އަދި އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓުގެ އިތުރުން، ރަށް ކައިރީގައި ފަޅުތައް ހުރިނަމަ ސާވޭ ކުރުމަށްފަހު އިތުރަށް ބިންހިއްކުން ފުޅާކުރެވޭނެ މިންވަރަށް ވެސް މި މަޝްރޫއުގައި ރިއާޔަތްކޮށްފައިވެ އެވެ. އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅި ހަތް ރަށް؛
  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • އދ. މަހިބަދޫ
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ލ. ފޮނަދޫ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ