މާލެ: 31°C

އިހަވަންދިއްޕޮޅުގެ ތަރައްގީއަށް 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް

November 9, 2024
2 ފަހަރު ބަލާފައި
އިހަވަންދިއްޕޮޅުގެ ތަރައްގީއަށް 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް
އިހަވަންދިއްޕޮޅުގެ ތަރައްގީއަށް 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް
އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ, މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ, މަޝްރޫއުގެ ދަށުން އެ ސަރަހައްދު ތަރައްގީކުރަން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ފްރޭމް ވޯކްގައި ސިންގަޕޫރުގެ ކުންފުނި, ކެޕިޓަލް އޭޝިޔާ އިންވެސްޓްމެންޓްސްގެ ފަރާޓުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ޓަން ކުން ޗީއާއޯ ޖޯޖް އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިމާދު ވިދާޅުވީ އިގްތިސޯދި ސިންދަފާތުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސައްވަރެއް ކަމަށެވެ. އަދި ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ އޮތް އޮތުން ކުޑަކުރުމަކީވެސް ރައީސްގެ ތަސްވަރެއް ކަމަށް ސިމާދު ވިދާޅުވި އެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ރައީސް ފެއްޓެވީ އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށްޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ސޮއިކުރެވުނު ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން މައިގަނޑު ޕީސިބިލިޓީ ސްޓަޑީއާއި އެ މަޝްރޫއަށް ބޭނުންވާ އެހެނިހެން ކަންކަން ހިމެނޭކަން ފާހަގަކުރައްވާ ސިމާދު ވިދާޅުވީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. ސިމާދު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު 100 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ބިން ހިއްކުމާއި ބަނދަރު ހެދުމާއި އިންޖީނުގެ ހެދުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަދި ފަތުރުވެރިކަން ތަރައްގީކުރުން ހިމެނޭ ކަމަށެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ބޭނުންވާ މުހިއްމު މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ސަރުކާރުގެ 5 ކުންފުންޏެއްގެ ހިއްސާ ހިމެނޭހެން މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައި އުފެއްދި ކުންފުންޏެކެވެ. މިއަދު ސޮއިކުރި ސިންގަޕޫރުގެ ކުންފުންޏަކީ މެނޭޖްކުރުމުގެ ލައިސަންސް ލިބިފައިވާ އިންފްރާސްޓްރަކްޗާ, ފިންޓެކް, އައިޓީ, އިއާދަކުރަނިވި ހަކަތަ އަދި ހޮސްޕިޓާލިޓީ ފަދަ ތަފާތު ޕޯޓްފޯލިއޯތަކުން ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އެސެޓް މެނޭޖްކުރަމުންދާ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު, ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަަދަލުކުރުމަށް ސަރުކާރުން ރާވާފައިވާ ފްލޭންއާ އެއްގޮތަށް އެ ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެ އެވެ. އަދި ފައިނޭންޝަލް އެސެސްމަންޓް ހެދުމާއި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިއްމު ކޮމާޝަލް ޓާމްސް ކަނޑައެޅުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ