މާލެ: 31°C

އަނބިމީހާއަށް އޮތް ލޯބީގެ ރަމްޒެއްގެ ގޮތުގައި ކުޑަ މިސްކިތެއް

November 7, 2024
2 ފަހަރު ބަލާފައި
އަނބިމީހާއަށް އޮތް ލޯބީގެ ރަމްޒެއްގެ ގޮތުގައި ކުޑަ މިސްކިތެއް
އަނބިމީހާއަށް އޮތް ލޯބީގެ ރަމްޒެއްގެ ގޮތުގައި ކުޑަ މިސްކިތެއް

ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށުމުން ޑޮކްޓަރަށް ދެއްކިއެވެ. ހެދި ޓެސްޓްތަކުން ސިކުނޑީގެ ޓިއުމަރެއް އިންކަން އެނގުމުން  އައިޝަތު ޝިފާ އޭނާގެ ފިރިމީހާ މުހައްމަދު ޝާހިދުއަށް ލިބުނީ ޝޮކެކެވެ. ބޭސްފަރުވާގެ ކަންކަމުގައި ދެމަފިރިން އަވަދިނެތި އުޅެނިކޮށް، ހަފުތާއެއް ފަހުން ޝިފާ މިދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ.

ލޯބިވާ އަނބިމީހާގެ އުމުރުން 25 އަހަރުގައި އެހާ ކުއްލި ގޮތަކަށް ނިޔާވުމުން ޝާހިދުގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. ނަފްސާނީ ގޮތުން ކުރިމަތިވި ހިތްދަތިކަމުގައި މީހާ ބަލިކޮށްލިއެވެ. އުންމީދު ގެއްލުވާލިއެވެ. އެހެންނަމަވެސް އެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންގެ ހައްގުގައި ޝާހިދު ހިތްވަރު ގަދަކުރިއެވެ. އަދި ލޯބިވާ އަނބިމީހާގެ ހަނދާންތައް ދާއިމަށް ދެމިހުންނާނެ ކަމެއް ކުރުމުގެ އަޒުމް އާކުރިއެވެ.

ޝާހިދު ވަނީ އެދެމަފިރިންގެ ދިރިއުޅުން ބިނާކުރަމުން ގެންދިޔަ ކ. ހުރާ ސްކޫލުގައި، އަނބިމީހާގެ ހަނދާނުގައި ކުޑަ މިސްކިތެއް ބިނާކޮށްފައެވެ. އެ ސްކޫލްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ ކުދިންނާއި މުވައްޒަފުން އަދި ސްކޫލަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ކޮށްގެން ހެދި "މަސްޖިދުއް ޝިފާ"ގެ ނަމުގައި މިސްކިތެއް ބިނާކޮށްދިނުމުން ޝުކުރު އަދާކޮށްފަ އެވެ.

ހދ. ވައިކަރަދު އަށް އުފަން ޝިފާ، ނޮވެމްބަރު 30، 2021 ގައި ނިޔާވީ ސިކުނޑީގައި ޓިއުމަރެއް ހުރި ކަން އެނގުނުތާ ހަފުތާއެއްގެ ތެރޭގަ އެވެ. އުމުރުން 25 އަހަރުގައި އޭނާ ވަކިވިއިރު އޮތީ އުމްރާގެ އަޅުކަމަށް ވެސް ފައިސާ ދައްކައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ