މާލެ: 31°C

ހުރިހާ އަތޮޅެއްގައި ސްޓޯރޭޖް ގާއިމްކޮށް ހެޔޮ އަގުގައި ތެޔޮ ވިއްކަން ފަށަނީ

November 7, 2024
2 ފަހަރު ބަލާފައި
ހުރިހާ އަތޮޅެއްގައި ސްޓޯރޭޖް ގާއިމްކޮށް ހެޔޮ އަގުގައި ތެޔޮ ވިއްކަން ފަށަނީ
ހުރިހާ އަތޮޅެއްގައި ސްޓޯރޭޖް ގާއިމްކޮށް ހެޔޮ އަގުގައި ތެޔޮ ވިއްކަން ފަށަނީ
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމު ގާއިމުކޮށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރޭޓުގައި މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ސަރުކާރުން ފަށައިފި އެވެ. ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ އެކަމަށް ހާއްސަކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހިމް ވިދާޅުވީ އަމާޒަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ގާއިމުކޮށް، މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ ނިޒާމު ގާއިމުކުރުން ކަމަށެވެ. މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ މަގުފަހި ކުރުމަށް މި އަހަރުގެ ޖަނަވަރީ މަހު ހުޅުމާލޭގައި ވަނީ ސެޓަޕްއެއް ގާއިމުކޮށްފަ އެވެ. އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފްއެސްއެމް ޝެޑުން ހެޔޮ އަގުގައި ދަނީ ތެޔޮ ފޯރުކޮށްދެމުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަސް ފެށެންވާއިރަށް، އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ގާއިމުކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ފ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ އަދި ފުވައްމުލައް ސިޓީގައި ސެޓަޕް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސެޓަޕް ގާއިމުކުރާނެ ރަށްތައް:

  • ށ. މިލަންދޫ
  • ނ. މަނަދޫ
  • ބ. ތުޅާދޫ
  • ވ. ފެލިދޫ
  • ތ. ހިރިލަންދޫ
  • ރ. ދުވާފަރު
  • އއ. މަތިވެރި
  • މ. މުލައް
  • ދ. ކުޑަހުވަދޫ
  • ލ. ގަން
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ތެލަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ