މާލެ: 31°C

ދޮންމަންމާފުޅުގެ ވާހަކަތައް ރައީސް މުޢިއްޒު ދޮގުކުރައްވައިފި

November 6, 2024
2 ފަހަރު ބަލާފައި
ދޮންމަންމާފުޅުގެ ވާހަކަތައް ރައީސް މުޢިއްޒު ދޮގުކުރައްވައިފި
ދޮންމަންމާފުޅުގެ ވާހަކަތައް ރައީސް މުޢިއްޒު ދޮގުކުރައްވައިފި
ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށާއި، އެއީ ސިޔާސީ ވިސްނުމެއްގައި އެމަނިކުފާނުގެ އަގުވައްޓަލުމަށް ދައްކާ ވާހަކަތަކެއްކަމަށް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދޮންމަންމާފުޅަށް ބައްޕާފުޅުގެ ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގެ ތެދު މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހެއްގެ ޒާތީ ވާހަކަތައް ދައްކާ ބޭފުޅެއް ނޫންކަމަށާއި، ދައްކާނަމަ އަބަދުވެސް ދައްކަވާނީ އެމީހެއްގެ ރަނގަޅު ވާހަކަތައްކަމަށެވެ. ޚާއްޞަކޮށް ޢާއިލީ ޒާތީ ކަންކަމުގެ ތަފްސީލު ވާހަކަތައް ހިއްސާކުރަން ވަރަށް ދަތިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހުމުގެ ކަންކަން ކުރިއަށްގެންދިޔައީ އެކަން އޮންނަ އުސޫލުން ކޯޓު މަރުހަލާއިންކަމަށެވެ. އެގޮތުން ބައްޕާފުޅުގެ ބައެއް ބިންތަކާއި ވިޔަފާރިތައް ސްރީލަންކާގައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައްޕާފުޅުގެ ތިން ބިމާއި، އެ ބިންތަކުގައި ޢިމާރާތްކޮށްފައިވާ ޢިމާރަތްތަކާއި ވިޔަފާރިތަކެއް ހުރިކަމަށެވެ. އެގޮތުން ކޮލޮމްބޯގައި ދެބިން އަދި ކެންޑީގައި އެއްބިން ހިމެނޭހެން ޖުމްލަ ތިން ބިމެއް އޮތްކަމަށާއި، އެތަނުން ދެތަނުގައި ގެސްޓުހައުސް ހަދައި ވިޔަފާރިވެސް ފަށާފައި އޮތްކަމަށެވެ. އަދި އަނެއް ބިމުގައި ހުރި ޢިމާރާތަކީ ދިރިއުޅުމަށް ހަދާފައިވާތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހުރިހާ ބިންތަކާއި ޢިމާރާތްތަކާއި، ވިޔަފާރި އަދި ލަންކާގައި ބައްޕާފުޅުގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހިމެނޭގޮތަށް ހުރިހާ އެއްޗެއް ދޮންމަންމާފުޅަށް ހިލޭ، އެއްވެސް ބަދަލަކާ ނުލައި ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ބައްޕާފުޅުގެ ހުވަފަތް އަނބިކަނބަލެއްގެ ގޮތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލީކަމަށް ދޮންމާފުޅު ވިދާޅުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. "ދޮންމަންމަ ވިދާޅުވި މާލޭގަ ހުވަފަތް އަންބެއްވީމަ ދީނީގޮތުން އޮންނަ ބައިކުޅަބައި އެއްކޮށް އަޅުގަނޑަށް ދޫކޮށްލާނަމޭ. އެހެންވީމަ އެއީ ނިންމި ނިންމުމަކީ. އެގޮތަށް ނިންމައިގެން ތަރިކަ ބަހާ ނިންމާފަ އެއޮތީ. އެއީ އެކަން އޮތްގޮތަކީ. ދެން އަޅުގަނޑު މިވަރަށްވެސް ބުނަން ބޭނުންނުވަނީ އެއީ އަޅުގަނޑުގެ މިޒާޖުގައި ހުންނަކަމެއްނޫން ޒާތީ ވާހަކަ ދެއްކުމަކީ،" ދޮންމަންމާފުޅު ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ހަގީގަތްތައް ވަރަށް ތަފްސީލްކޮށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ޒާތީ ވާހަކަތައް ދައްކަވަން އެއްގޮތަކަށް ވެސް ބޭނުންފުޅު ނުވި ނަމަވެސް، ކަނޑައެޅިގެން ދޮގު ހަދައިގެން އެމަނިކުފާނުގެ އަގުވައްޓާލުމަށް އެހާ ބޮޑަށް ވާހަކަ ދެކެވޭތީ، ކަންހިނގާފައިވާ ގޮތް އޮޅުންފިލުއްވައި ދެއްވީ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ