މާލެ: 31°C

ތިން ޓެކްސްއެއް ބޮޑުކުރާ ބިލުތައް ތަސްދީގުކުރައްވައިފި

November 5, 2024
2 ފަހަރު ބަލާފައި
ތިން ޓެކްސްއެއް ބޮޑުކުރާ ބިލުތައް ތަސްދީގުކުރައްވައިފި
ތިން ޓެކްސްއެއް ބޮޑުކުރާ ބިލުތައް ތަސްދީގުކުރައްވައިފި
ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި ބިލުތައް ވަކިވަކިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ގްރީން ޓެކްހުގެ ބިލުގެ ދަށުން، ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނެގޭނެ އެވެ. އެހެން ނަމަވެސް 50 ކޮޓަރިއަށް ވުރެ ދަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ބޮލަކަށް ނެގޭނީ ތިން ޑޮލަރެެވެ. އެހެން ނަމަވެސް ދެ އަހަރު ނުވާ ކުޑަކުދިން ގްރީން ޓެކްސްއިން އިސްތިސްނާވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެއާޕޯޓް ޓެކްސް ބޮޑުކުރުމަށް މިދިޔަ މަހުގެ 31 ވަނަ  ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލުގައި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.
އެގޮތުން އަންނަ މަހުން ފެށިގެން  އިކޮނޮމީ ކުލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު ނެގޭނެ އެވެ. އަދި ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 އެމެރިކާ ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 އެމެރިކާ ޑޮލަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ނެގޭނެ އެވެ. އޭގެ އިތުރުން ޕްރައިވެޓް ޖެޓުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 480 އެމެރިކާ ޑޮލަރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި ނެގޭނެ އެވެ.

ޓީޖީއެސްޓީ ބޮޑުކުރާ ބިލަކީ 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާގައި ފާސްކުރެެއްވި ބިލެކެވެ.

މި ބިލުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ރޭޓަށް ވަނީ ބަދަލުގެންނަވާފައެވެ. އެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާ މުދަލާއި ޚިދުމަތްތަކުން 1 ޖަނަވަރީ 2023 އިން ފެށިގެން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ނަގަމުން އައި 16 އިންސައްތަ (ސޯޅަ ޕަސެންޓް) ނެގޭނީ 30 ޖޫން 2025 ގެ ނިޔަލަށް ކަމުގައި ވަނީ ބަޔާން ކުރައްވާފައެވެ. އަދި އޭގެފަހުން ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، 1 ޖުލައި 2025 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓް 17 އިންސައްތައަށް (ސަތާރަ ޕަސެންޓަށް) އިތުރުވާނެކަމަށް ބިލުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ