"ސްކީލާން" ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ފަނޑިޔާރުން ނެރުނު ބަޔާނަަށް މީޑިއާ ކައުންސިލުން ދެކޮޅު؛ ފަނޑިޔާރުންގެ ބަޔާން ދޮގުކޮށްފި

"ސްކީލާން" ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ފަނޑިޔާރުން ނެރުނު ބަޔާނަަށް މީޑިއާ ކައުންސިލުން ދެކޮޅު؛ ފަނޑިޔާރުންގެ ބަޔާން ދޮގުކޮށްފި
ލިޔުން:
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން ނޫސްވެރިކަމުގެ އިނާމާ ގުޅޭގޮތުން އެވޯޑުތަކަށް އިންސާފުކުރި ފަނޑިޔާރުން ނެރުނު ބަޔާނުގައި ކޮށްފައިވާ ތުހުމަތުތައް އެ ކައުންސިލުން ދޮގުކޮށްފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީ ޖާނަލިޒަމް އެވޯޑްސް ހަފުލާގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައި ވަނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީ އަށެވެ.
އެކަމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އިނާމަށް އިންސާފުކުރި ފަނޑިޔާރުން ފަހުން ބުނެފައި ވަނީ އެވޯޑު ހަވާލުކުރެވިފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށެވެ. އެކަން ފާހަގަކޮށް 7 ކަމެއް ހިމެނޭހެން ފަނޑިޔާރުންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެމްއެމްސީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ބަޔާނެއް ނެރެން ޖެހުނީ ފަނޑިޔާރުން ނެރުނު ބަޔާނުގައި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތަކެއް ހިމަނާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުން އެކަމަށް ކަނޑައަޅާފައިވާ އިދާރީ މުވައްޒަފު އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ އެންމެހާ ތަކެތި ހަމައަށް ހުށަހަޅާފައިވޭތޯ ބެލުމަށް ފަހު އެތަކެތި ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ފޮނުވަނީ އެޕްލިކޭޝަން ހުށަހަޅާފައިވާ ކެޓަގަރީއަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށެވެ.
އެމްއެމްސީން ވަނީ ފަނޑިޔާރުން ނެރުނު ބަޔާނުގައި ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާއި ކައުންސިލްގެ މިނިވަންކަމާ މެދު ކޮށްފައި ވަނީ ހަގީގަތާ ހިލާފު ބޮޑެތި ތުހުމަތުތަކެއްކަން ބަޔާންކޮށް 11 ނުކުތާއެއް ފާހަގަކޮށްފަ އެވެ.
އެގޮތުން ފާހަގަކުރި އެއް ކަމަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާން ދުވަހަކަށްވެފައި ވަނިކޮށް އެމްއެމްސީން ނެރުނު ބަޔާނަކީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން ކަމަށެވެ. އެ ބަޔާން ނެރެން ޖެހުނީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒުކޮށް ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓް ޝާއިއުކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ. އަދި އެއީ މައުލޫމާތު ފެތުރުމުގައި ޖުމްލަކޮށް މީޑިއާތަކުން ސަމާލުވުމަށް އިރުޝާދުދީ ނެރުނު ބަޔާނެއް ކަމަށެވެ.
އެމްއެމްސީން ބުނި ގޮތުގައި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ފަނޑިޔާރުންނަށް ދިނުމަށް ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުށަހެޅުން ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައެޅުމާއި ހުށަހެޅުމެއް ޑިސްކޮލިފައި ކުރުމުގެ ފުރިހަމަ ބާރު ލިބެގެން ވަނީ ފަނޑިޔާރުންގެ ޕެނަލަށް ކަމުގަ އެވެ. އެގޮތުން އިނާމުގެ އިޖުތިމާއީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް އެ ޕެނަލުން ޑިސްކޮލިފައި ކޮށްފައިވާ ކަމުގަ އެވެ.
އިނާމު ދިނުމުގެ ހަފުލާގައި އެވޯޑުތައް ހަވާލުކުރުމާ ހަމައަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް އެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
