މާލެ: 31°C

އައިއެސްގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވި އަމީންގެ ޝަރީއަތްތައް ހުޅުވާލައިގެން ބާއްވަން ހައިކޯޓުން ނިންމައިފި

އައިއެސްގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވި އަމީންގެ ޝަރީއަތްތައް ހުޅުވާލައިގެން ބާއްވަން ހައިކޯޓުން ނިންމައިފި
November 4, 2024
2 ފަހަރު ބަލާފައި
އައިއެސްގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވި އަމީންގެ ޝަރީއަތްތައް ހުޅުވާލައިގެން ބާއްވަން ހައިކޯޓުން ނިންމައިފި

ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި ބޮޑު ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ރާއްޖޭގައި ތަމްސީލްކުރުމުގެ އިސްމީހެއް ކަމަށް ޝަރީއަތަށް ސާބިތުވެ، ކްރިމިނަލް ކޯޓުން 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީންގެ އިސްތިއުނާފީ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއަމަށް ހައިކޯޓުން ނިންމައިފިއެވެ.

އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރީ އައިއެސް ޖަމާއަތާ ގުޅިގެން އުޅުމާއި ބޭރު ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކަށް ދިވެހިން ފޮނުވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާ 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެ މައްސަލަ އަމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އަމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފި ނަމަ ގައުމީ ސަލާމަތާ ގުޅޭ އިންޓެލިޖެންސް ބައެއް މައުލޫމާތު ހާމަވެދާނެ ކަމަށެވެ. އަދި އަޑުއެހުންތައް އާންމުކޮށް ހުޅުވާލުމުން އަމީންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުން މައުލޫމާތު އާންމު ކުރަމުންދާ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

އަމީންގެ ވަކީލު ޝަރީއަތް ސިއްރުކޮށްދިިނުމަށް އެދުނު ނަމަވެސް ދައުލަތުން އެކަމާ ދެކޮޅު ހެދިއެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމީ ޝަރީއަތްތައް ސިއްރުން ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ