މާލެ: 31°C

ކައުންސިލްތަކުގެ ބްލޮކް ގްރާންޓްސް މަދުކުރުުމުން ކަންބޮޑުވުން

ކައުންސިލްތަކުގެ ބްލޮކް ގްރާންޓްސް މަދުކުރުުމުން ކަންބޮޑުވުން
November 2, 2024
2 ފަހަރު ބަލާފައި
ކައުންސިލްތަކުގެ ބްލޮކް ގްރާންޓްސް މަދުކުރުުމުން ކަންބޮޑުވުން
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ލާމަރުކަޒީ ގާނޫނަށް ހިލާފަށް ކަމަށްބުނެ ޕާޓީތަކުންނާއި ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ބަޖެޓާ މެދު ސިޓީތަކުގެ މޭޔަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ގާނޫނު، ވުޖޫދުން ފޮހެލަންކަމަށެވެ. އައްޑޫ މޭޔަރު އަލީ ނިޒާރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އެކަންބޮޑުވުން އޮތަތީވެ ދަ ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެރިކަންކުރުމުގެ ބާރުތައް ފެށިގެންނާ އަދި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގާ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވީއިރު ގާނޫނު އަސާސީގައި ރާއްޖެ ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށާއި އެ އުސޫލު ހިފެހެއްޓުމާއި ކުރިއެރުވުމާއި ޑިމޮކްރެޓިކް ހިންގުން އަށަގަންނެވުމާއި ކުރިއެރުވުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ އިހުތިސާސް ކަނޑައެޅިފައިވާއިރު ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފޯރުވައިދޭންޖެހޭ ރަށްވެހި ހިދުމަތްތައް ފޯރުވައިދިނުމަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން 5 އިންސައްތަ ކައުންސިލްތަކަށް ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާކަން ޑިމޮކްރެޓްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ކަނޑައެޅިގެން ލާމަރުކާޒީ ގާނޫނާ ހިލާފަށް ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް އުނިކޮށް، މާލީ ވަޒީރު ގާނޫނާ ހިލާފުވެފައި ވުމަކީ ދަ ޑިމޮކްރެޓްސް އިން ނުހަނު ކަންބޮޑުވެ ކުށްވެރިކުރާ ކަމެއް ކަމަށް އެޕާޓީން ބުނެއެވެ. އެ ޕާޓީން ބުނީ ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިއަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ. ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމުކުރުމުން އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަކީ ސަރުކާރަށްވެސް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް ބާރެއް ނޫން ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުންޏެވެ. ޑިމޮކްރެޓްސްއިން ވަނީ އެފަދަ ގޮތަށް އަމަލު ނުކުރުމަށާއި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށާއި ސަރުކާރަށް ގޮވާލާފަ އެވެ. މި އަހަރަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލުތަކަށް ފާސްކޮށްދީފައި އޮތް ނަމަވެސް އަންނަ އަހަރަށް ކައުންސިލުތަކަށް ދޭން ނިންމާފައިވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ