މާލެ: 31°C

ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
November 1, 2024
2 ފަހަރު ބަލާފައި
ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ. އެމަނިކުފާނު މި ބިލު ތަސްދީގުކުރެއްވީ މަޖިލީހުން ބިލު ފާސްކުރުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން މިބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ވޯޓުންނެވެ. ސަރުކާރުން ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައިވަނީ ސިނގިރޭޓާއި ބިޑިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ އިތުރުން އީސިނގިރޭޓާއި ވޭޕްގައި ބޭނުންކުރާ ފްލޭވާ އަދި ކެމިކަލް ފަދަ ތަކެތިން ނަގާ ޑިއުޓީވެސް ބޮޑުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތުގައި އަންނަ މަހުގެ 15ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ވޭޕާއި އީސިނގިރޭޓު އަދި އެއާގުޅޭ ބާވަތްތައް އެތެރެކުރުން މަނާވާނެއެވެ. ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ އެފަދަ ތަކެތިން ޑިއުޓީ ބޮޑުކުރުމަށެވެ. ރައީސް ތަސްދީގުކުރައްވާފައިވާ ބިލުގައިވާގޮތުން 1 ނޮވެމްބަރުން ފެށިގެން 50 ޕަސެންޓް އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނަގާނެއެވެ. ކުރިން ސިނގިރޭޓާއި ބިޑިން ނަގަމުން އައީ 25 ޕަސެންޓް ޑިއުޓީ އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން 3 ރުފިޔާއެވެ. މި އިސްލާހާއެކު އީ-ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫން އާލަތްތަކަށް އަޅާ ފްލެވާއާއި ކެމިކަލުން 50 ޕަސެންޓް އަދި ކޮންމެ މިލިލީޓަރަކުން 8 ރުފިޔާގެ ޑިއުޓީ ނަގާނެއެވެ. މިތަކެތީގެ އިތުރުން ހީޓަޑް ޓޮބެކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 ޕަސެންޓް އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާގެ ޑިއުޓީ ނަގާގޮތަށްވެސް ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ. މީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންވާ ކުރާ އާލާތަތްކަށް ހީޓަޑް ޓޮބެކޯ އުފެއްދުންތަކުން 200 ޕަސެންޓުގެ ޑިއުޓީ ނެގުމަށްވެސް ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހު ގެނައުމުގެ ސަބަބުން ރާއްޖެއަށް އިމްޕޯޓް ޑިއުޓީން އަންނަ އަހަރު އިތުރަށް 1.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ