މާލެ: 31°C

ނައިބް ރައީސް ދެއްވީ ނޫސްވެރިންނަށް މިނިވަންކަން އޮންނާނެކަމުގެ ޔަގީންކަން

ނައިބް ރައީސް ދެއްވީ ނޫސްވެރިންނަށް މިނިވަންކަން އޮންނާނެކަމުގެ ޔަގީންކަން
October 31, 2024
2 ފަހަރު ބަލާފައި
ނައިބް ރައީސް ދެއްވީ ނޫސްވެރިންނަށް މިނިވަންކަން އޮންނާނެކަމުގެ ޔަގީންކަން
މި ސަރުކާރަކީ ނޫސްވެރިންނަށް ފުރިހަމައަށް މިނިވަންކަން ދޭނެ ސަރުކާރެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. ނައިބު ރައީސް މިފަދައިން ވިދާޅުވީ ރޭ އުމަރު ޒާހިރު އޮފީހުގެ މަލްޓިޕާޕަސް ހޯލްގައި ބޭއްވި "11 ވަނަ ނޫސްވެރިންގެ އެވޯޑް" ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއް ކަމަށާއި ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ. އަދި މީޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. މީޑިއާ އާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންފޯރުކޮށްދީ ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. ޒަމާނީ ނޫސްވެރިކަމަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ އާޓިފިޝަލް އިންޓެލިޖަންސް އާއި އެނޫންވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާއަދާކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށްވެސް ނައިބުރައީސް ނޫސްވެރިންނަށް ގޮވާލެއްވި އެވެ. އޭގެ އިތުރުން މަދަރުސާތަކުންނާއި ކޮލެޖު، ޔުނިވާސިޓީތަކުން ކިޔަވައިގެން ނިކުންނަ ގާބިލު ދަރިންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިއްމުކަންވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ