މާލެ: 31°C

ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރަން ކޮމިޓީގެ ރުހުން

ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރަން ކޮމިޓީގެ ރުހުން
October 30, 2024
2 ފަހަރު ބަލާފައި
ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރަން ކޮމިޓީގެ ރުހުން
ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރަން މުޅި މަޖިލީސް ކޮމިޓީއިން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއިން އެ ތިން ބިލު ދިރާސާކުރުމަށްފަހު މުޅި މަޖިލިސް ކޮމިޓީއަށް ހުށަހެޅި އެވެ.

ޓީޖީއެސްޓީ ބިލު:

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ (މުސްތޮ) ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން 16 ޕަސެންޓް ޓެކްސް ނަގަން ފަށާނީ 1 މޭ 2025 ގެ ނިޔަލަށެވެ. އެއަށް ފަހު ޖޫން އެކަކުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓް ނަގަން ފަށާނެ ކަމަށް އިސްލާހުގައިވެ އެވެ. އިސްލާހުގައި ބުނީ އެއާއެކު ޓީޖީއެސްޓީން ދައުލަތަށް ލިބޭ އާމްދަނީ 2025 ގައި 201.9 މިލިއަން ރުފިޔާ އަށް އިތުރުވެގެންދާނެ ކަމަށެވެ. މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއިން އެ ބިލު ދިރާސާކޮށް ނިންމާފައިވާއިރު, ކޮމިޓީ ރިޕޯޓް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި އެވެ. ކޮމިޓީއިން އެ ބިލު ފާސްކޮށްފައިވަނީ މަޖިލީހުން ހުށަހެޅި ގޮތަށް ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ރިޕޯޓަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އިސްލާހެއް ހުށަހެޅުމަށްފަހު އެ އިސްލާހު އަނބުރާ ގެންގޮސްފައިވެ އެވެ. އެ ބިލު މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.

ގްރީން ޓެކްސް:

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ގްރީންޓެކްސް ބޮޑުކުރުމަށް އިސްލާހެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކޮންގްރެސް މެންބަރު މުސްތަފާ ހުސައިން އެެވެ. ގްރީން ޓެކްސް 50 ޕަސެންޓަށް އިތުރުކުރަން އިސްލާހުގައި ހުށަހަޅާފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓު ގެސްޓު ހައުސްގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 6 ޑޮލަރު ނަގާނެ އެވެ. އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށް އިސްލާހުގައި ބުނެފައިވަނީ 1 ޖެނުއަރީ 2025 ގަ އެވެ. އެ ބިލު ދިރާސާ ކުރި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައިދެއްވީ ގާސިމެވެ. އެ ރިޕޯޓްގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އިސްލާހެއް ހުށަހެޅުއްވި އެވެ. އެ އިސްލާހުގައި ބުނެފައިވަނީ 25 ކޮޓަރި އަދި އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް 3 ޑޮލަރުގައި ބެހެއްޓުމަށެވެ. އެ އިސްލާހަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ. އެ އިސްލާހަށް 11 މެންބަރަކު ވޯޓު ދެއްވިއިރު އިސްލާހު ބޭރުކޮށްލާފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ބޭރުކޮށްލުމަށްފަހު ސަބް ކޮމިޓީއިން ފާސްކުރިގޮތަށް މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

އެއާޕޯޓް ޓެކްސް:

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ ކޮންގްރެސް މެންބަރު އަސަދުﷲ ޝިހާބެވެ. ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ހުށަހެޅި އިސްލާހު ފާސްވުމުން އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާނީ 50 އެމެރިކާ ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން ނަގާނީ 120 ޑޮލަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ