ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށައިފިއެވެ. ގުރުއަތުލުން ކުރިއަށްދަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
މިގުރުއަތުގައި މިހާތަނަށް ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި، މިހާތަނަށް ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީހުންގެ ގޯތީގެ ގުރުއަތުލުންވެސް ކުރިއަށްދާނެއެވެ.
ގުރުއަތުލުމުގެ ކަންކަން ބަލަން ވަނުމުގެ އިންތިޒާމް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ. ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާއި އައި.ޑީ.ކާޑްގެ ކޮޕީ ގެންދަންވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ގުޅީ ފަޅުން 3520 ގޯތި ދޫކުރެއެވެ. މިފަރާތްތަކުގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައިސްފައިވާ ބަދަލާއިގުޅިގެން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައެވެ.
ގުޅިފަޅުން ދޫކުރާ ގޯތި:
• 1250 އަކަފޫޓުގެ 669 ގޯތި • 1650 އަކަފޫޓުގެ 1234 ގޯތި • 2050 އަކަފޫޓުގެ 916 ގޯތި • 2450 އަކަފޫޓުގެ 473 ގޯތި • 2850 އަކަފޫޓުގެ 158 ގޯތި • 3250 އަކަފޫޓުގެ 49 ގޯތި • 3650 އަކަފޫޓުގެ 21 ގޯތި







