ފާފަކުރުން އާއްމުވުމާގުޅިގެން ހަލާކުކުރައްވާފައިވާ ރޯމަންގެ ކުރީގެ ސިޓީއެއް ކަމަށްވާ ޕޮމްޕޭ އިން އާކިއޮލޮޖިސްޓުން ވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައި ހުރި އާދަޔާ ހިލާފަށް ކުޑަ ގެއެއް ފެނިފަ އެވެ.
ޕޮމްޕޭ އާކިއޮލޮޖިކަލް ޕާކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީހުން ދިރިއުޅެން ބޭނުންކުރި އެ އެގޭގެ ފާރުން ފެނިފައިވަނީ އެތެންސްގެ މިތިއޮލޮޖިކަލް ކުއީންއެއްގެ ކުރެހުމެއްކަމެވެ. ހައުސް އޮފް ފެޑްރާގެ ނަމުން ނަން ދީފައިވާ މި ގެއަކީ މީލާދީން ފުރަތަމަ ގަރުނުގައި އާކިޓެކްޗަރަލް ސްޓައިލްތަކަށް އަންނަ ބަދަލުތަކަށް އަލިއަޅުވާލާ ފައިވާ ގެއެއް ކަމަށް އާކިއޮލޮޖިސްޓުން ބުނެފައިވެއެވެ. .

ޕޮމްޕޭ އިން ފެނިފައިވާ ގިނަ ގެތަކާ ހިލާފަށް، އެއީ ވާރޭ ފެން ނެގުމަށް ހުޅުވާލެވިފައިވާ ޕޫލެއް ހުންނަ ގޮތައް ހަދާފައިވާ އާދައިގެ ރޯމަން އިމާރާތްތަކާ އެއްގޮތް ގެއެއް ނޫންކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ގޭގެ ސައިޒު ކުޑަ ނަމަވެސް އެ ގޭގެ ފާރު ޒީނަތްތެރިކުރުމުގެ ފެންވަރު މަތިކަމުން އެގެއަކީ އެތަނުން ފެނިފައިވާ އެހެން ތަންތަނާ ނުވަތަ ގެތަކާ އަޅާ ކިޔޭ ވަރަށްވުރެ ފުރިހަމަ އަދި ވަރުގަދަ ކޮށް ހަދާފައިވާ ގެއެއްކަމަށްވެސް ބުނެފައިވެއެވެ.

ޕޮމްޕޭ އާއި ވަށައިގެންވާ ރަށްތައް ވެސިވިއަސް އަލިފާން ފަރުބަދަ ގޮވައި ފަރުބަދައިގެ އަޅިއައި ލާވާއިން އަޑިއަށް ދިޔައީ މީލާދީން 79 ވަނަ އަހަރުއެވެ. އަދި އެރަށުގެ ރައްޔިތުންނާއި ޢިމާރާތްތައް އަލިފާނުގެ އަޅީގެ ބޮޑު ފަށަލައެއްގެ ތެރޭގައި އެ ސިޓީ ވަޅުލެވުނެވެ.

އެ ގޭގެ ފާރުތައް އަލިގަދަ ކުލަތަކުން ޒީނަތްތެރިކޮށްފައިވާ ފެޑްރާ އާއި ހިޕޮލިޓަސްގެ ފްރެސްކޯގެ އިތުރުން، އެހެން މިތިއޮލޮޖިކަލް މަންޒަރުތަކުގެ ތެރޭގައި ސެޓިޔަރަކާއި ނިމްފަކާއި ދެމެދު އަދި އެމީހުންގެ ކަލާނގެ ތަކެއްކަމަށްވާ ވީނަސް އާއި އެޑޯނިސްގެ ޖިންސީ ގުޅުން ދައްކުވައިދޭ މަންޒަރުތައް ހިމެނެ އެވެ.

އެ އިމާރާތްތައް ކިތަންމެ ކުދި ނަމަވެސް ގުދުރަތީ ގޮތުން ރީތިކޮށް ތަފްޞީލުކޮށް ރައްކާކުރެވިފައިވާ އެތައް ވައްޓަފާޅިއަކާއި މަންޒަރުތަކެއް ހިމެނޭ ކަމަށް އެ ރިޕޯޓް ގައި ބުނެފައި ވެއެވެ.