މާލެ: 31°C

ކޮންމެ ގައުމަކުންވެސް ބައިނަލްއަގުވާމީ ސުލްހައަށް މަސައްކަތްކުރަން ޖެހޭ: ޝާހިދު

ކޮންމެ ގައުމަކުންވެސް ބައިނަލްއަގުވާމީ ސުލްހައަށް މަސައްކަތްކުރަން ޖެހޭ: ޝާހިދު
October 24, 2024
2 ފަހަރު ބަލާފައި
ކޮންމެ ގައުމަކުންވެސް ބައިނަލްއަގުވާމީ ސުލްހައަށް މަސައްކަތްކުރަން ޖެހޭ: ޝާހިދު
ކޮންމެ ގައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ އަދި ކުރަން ޖެހޭނެ ގައުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދގެ ޢާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 'ޔޫ.އެން ޑޭ' ގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. މިހާރު އދ. އަށް 79 އަހަރުވީއެވެ. ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި މެސެޖްގައި ޝާހިދު ވިދާޅުވީ ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް މި ޒިންމާ އަދާކުރަން ޖެހޭކަމަށާއި، ދިވެހިރާއްޖެއިން އެކަން ސާބިތު ކޮށްދީފައި ވާކަމަށެވެ. ދިވެހިރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށްފަހު ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ދިވެހިރާއްޖެއިން ނިންމީ އދގެ މެމްބަރުކަން ހޯދަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޔޫ.އެން ޑޭ ފާހަގަ ކުރަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި އެކުވެރި ދައުލަތްތައް – ޔުނައިޓެޑް ނޭޝަންސް – އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަކުރުމަށެވެ. ޝާހިދުގެ މެސެޖްގައި ވިދާޅުވީ އދގެ ޗާޓަރަށް އަމަލުކުރަން ފެށިތާ 8 ދަހަރު ވުން ފާހަގަކުރާއިރު، އެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމުވެފައިވާ ކަމަށެވެ. އަދި މަލްޓިލޭޓަރަލިޒަމްއާއި، މަޝްވަރާއާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް – ތިމާވެށީގެ މައްސަލަތަކާއި، ފަގީރުކަމާއި، ގަތުލުއާއްމުތައް ފަދަ މައްސަލަތައް – ހައްލުކުރުމުގައި އދގެ ދައުރު މުހިއްމުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދުވަސްތަކަށް އަލިއަޅުއްވާ ލައްވަމުން ޝާހިދު ވިދާޅުވީ އދ އަކީ - އޭގެ އުނިކަންތަކާއި މައްސަލަތަކާއެކުވެސް – އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމިއްޔާއެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ