ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ވައިގެ އަސްކަރީ ދެ މަރުކަޒު އައްޑޫ ގަމާއި ށ. ފުނަދޫގައި ގާއިމްކުރަން ސަރުކާރުން ނިންމައި އޭގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައި ވަނީ މި އަހަރުގެ މާޗު 15 ގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ތުރުކީ ސަރުކާރުން ދިން ވަރަށް ބޮޑު ލުޔަކާ އެކު، ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ވަނީ ތިން ޑްރޯން ގެނެސްފަ އެވެ. މި ވަގުތު އެ ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަނީ ނ. މާފަރު އެއާޕޯޓެވެ.







