މާލެ: 31°C

ހަފީޒާ 6ވަނަ ބައި

ހަފީޒާ 6ވަނަ ބައި
October 18, 2024
2 ފަހަރު ބަލާފައި
ހަފީޒާ 6ވަނަ ބައި
15 އޮކްޓޫބަރުގެ އަދަދާއި ގުޅޭ! "އެހެންވިއްޔާ ރާމިޒާ ވެއްޓުނުތަނެއް އެނގޭނެ އިބްރާހީމަށް! އަންނާނަށް އޭނާ ހޯދާފައި ޚަބަރުދީފައި" ފަރީދާ ހަލުވި ފިޔަވަޅުގައި ސިއްޚީމަރުކަޒުގެ ވޯޑުން ނުކުންނަން ހިނގައިގަންނަމުން އައިމިނައަށް ބުންޏެވެ. ފަރީދާ ވަދެވުނީ އިބްރާހީމްމެންގެ މަގުމަތީ ފަރާތު ދޮރުންނެވެ. އޭރު، ވަލުފަރާތު ދޮރުން އިބްރާހީމް ނުކުމެއްޖެއެވެ. ފަރީދާ އިބްރާހީމާ ރާމިޒާގެ ގޭ ތެރޭގެ އެތަން މިތަން ބެލުމަށް ފަހު، އެންމެ ފަހުން އޭނާވެސް ބޭރަށް ނުކުތީ ވަލު ފަރާތު ދޮރުންނެވެ. ފަރީދާ މަގުމައްޗަށް ނުކުމެ ދެކޮޅު ހޯދާލިއެވެ. މީހެއްގެ ހިލަމެއް ނެތެވެ. އެހެންވެ މާނޭވާއެއް ލާފައި އޭނާވެސް ހިނގައި ގަތީ މަގު އޮތްގޮތަށް އުތުރުކޮޅު ވަލާއި ދިމާއަށެވެ. ފަހަތަށް ބަލާވެސް ނުލައި ކުރިޔަށް ހަލުވި ފިޔަވަޅުގައި ހިނގަމުންދިޔަ ރާމިޒާއަށް ކުއްލިއަކަށް ހުއްޓެވުނެވެ. އޭނާއަށް ހީވީ ފަހަތުން މީހަކު އަންނަ ހެންނެވެ. ފަސް އެނބުރި ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިރުކޮޅަކު ހުއްޓި ހުރެ ވަށައިގެން ހޯދާލުމަށްފަހުގައި ފަރީދާ އަނެއްކާވެސް ވަލާއި ދިމާއަށް ހިނގައިގަތެވެ. ************* މުހައްމަދު ތެދުވެ ހިންދަމާލިއެވެ. އަތުގެ ނުފުށުން އަނގައިގެ މިޔަކަން ފޮހެލިއެވެ. މުންޑުގަނޑު އަނދެ ރަނގަޅުކޮށްލިއެވެ. އެކަމަކު އޭނާއަށް ހަމަ ވިސްނުމެއް އައީ ދެނެވެ. "ދެން ކިހިނެއް ހަދާނީ." ބޮލުގައި އަތް ކާއްތާލަމުން މުޙައްމަދު ބުންޏެވެ. މުޙައްމަދު ދެކޮޅު ހޯދާ ބަލާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ. އޭގެ ފަހުގައި އޭނާ ރާމިޒާގެ ހެދުން ރަނގަޅުކޮށްލިއެވެ. ކައިރީގައި ހޭހުސްވެފައި އޮތް އާދަނަށް ހަދާނެ ގޮތަކާއި ދޭތެރޭ މުހައްމަދަށް ވިސްނަން ފެށުނެވެ. އާދަނުގެ ދެއަތުގައި ހިފައި، ތަންކޮޅެއް ދުރަށް ގެންދިޔުމަށްފަހު، ކައިރީގައި ހުރި ކުދި ރުއްތަކުން ފަންތަކެއް ކަނޑައި، އާދަނުގެ ގައިމަތީގައި އަޅައި ފޮރުވާލިއެވެ. އަދި ގަސްތަކުގެ މަތިން ދެމިފައި އޮތް މާހިމެރިވެޔޮގަނޑުތައް ކަނޑައި ފަންތައްމަތީގައި އަޅައި ފަންތައްވެސް ފޮރުވާލިއެވެ. "ރާމިޒާ، ރާމިޒާ" ދުރުން މީހަކު ގޮވާއަޑު މުހައްމަދުގެ ކަންފަތުގައި ޖެހުނެވެ. ރާމިޒާ ހޯދަން އެއަންނަނީ އިބްރާހިމްކަން އެއަޑުންވެސް ޝައްކެއް ނެތި، މުޙައްމަދަށް އެނގުނެވެ. އެހެންވެ ރާމިޒާގެ ހަށިގަނޑަށް އިތުރަށް ކަމެއް ނުކޮށް އޭނާ ބެލީ އަވަހަށް ފިލޭތޯއެވެ. ގަސްތަކުގެ ތެރެއިން މުޙައްމަދު ބޮނދަމުން ތަންކޮޅަކަށް ގޮސްފައި ހުއްޓުނެވެ. އަދި ބޮލުގައި އަތް އެޅިއެވެ. ލައިގެން އުޅުނު ބޮކްސާގަނޑު ބޭއްވުނީ ރާމިޒާ އޮތްތާނގެ ކައިރީގައިކަން އޭނާ ހަނދާންވީއެވެ. އެކަމަކު ދެން ކުރާނެކަމެއް ނެތެވެ. މަޑުކޮށްލާފައިވެސް އޭނާ އެއަށް ވުރެ ބާރަށް ކުރިޔަށްދާންފެށީ އެހެންވެގެންނެވެ. މުހައްމަދަށް، ގަސްތަކުގެ ތެރެއިން މަގަށް ނުކުމެވުނީ، ފަރީދާ ކުރިމައްޗަށެވެ. ފަރީދާ ފެނުމާއި އެކު މުހައްމަދު އިތުރަށް ހާސްވިއެވެ. "ވަގަކު އުޅޭހެން ކަލޭ މިތާ ކީއްތިކުރަނީ." ފަރީދާ ދެލޯބޮޑުކޮށްލާފައި މުޙައްމަދާއި ދިމާއަށް ބުންޏެވެ. "ރާމިޒާ ހޯދަންތައް ތިޔައުޅެނީ" މުހައްމަދަށް އެސުވާލު ކުރެވުނީ ބޭ އިޚްތިޔާރުގައެވެ. "މިއުޅެނީ ރާމިޒާ ގެއްލިގެންކަމެއް މިކަލޭގެއަށް ކިހިނެއް އެނގުނީ. ގައިމު މަށާއި އައިމިނަ އާއި ހަލީމަ ދައިތައާ އިބްރާހިމް ނޫން މީހަކަށް އަދި ނޭނގޭނެ ރާމިޒާ ގެއްލިގެން އުޅޭ ކަމެއް. އަނެއްކާ މީގައި ނުބައެއް އުޅެނީބާ؟" ރާމިޒާ އޭނާގެ ހިތާ ހިތާ ސުވާލުކޮށްލިއެވެ. "ކާކު ކަލޭ ގާތުގައި ބުނީ، ރާމިޒާ ގެއްލިގެން އުޅޭ ވާހަކަ؟" ފަރީދާ ހައިރާން ކަމާއި އެކު ސުވާލުކުރިއެވެ. "އަ..އަ.. މީ.. މީހަކު ނުބުނޭ. އެހެން ހީވީ." މުހައްމަދު އާގަންނަމުން ބުންޏެވެ. ދެން އޭނާ އަވަސް އަވަހަށް ބާރަށް ހިނގައިގަތީ މަގުގެ އަނެއްފަރާތުން ގަސްތަކުގެ ތެރެއަށެވެ. މުހައްމަދު އެނބުރިލި ވަގުތުގެ އޭނާގެ އަތުގެ މުލައްދަނޑީގައި ލޭ ހިކިގައި ހުރިތަން ރާމިޒާއަށް ފެނުނެވެ. އެކަމަކު އޭނާ މާބާރަށް ދުރަށް ހިނގައިގަތުމުން ފަރީދާއަށް ސުވާލުކޮށްލާނެ ފުރުޞަތެއް ނުލިބުނެވެ. މަގުގެ އަނެއްފަރާތުގައި ހުރި ގަސްތަކުގެ ތެރެއަށް އޭނާ ވަނުމުން ފަރީދާ ދެ ފަހަރަކަށް، މުޙައްމަދަށް ގޮވާވެސް ލިއެވެ. އެހެން ނަމަވެސް އޭނާ އަޑު އިވޭ ކަމަކަށް ނުހެދިއެވެ. ވަލުމަގުން އައިސް ގޮނޑުދޮށަށް ފޭބުނު އިރުވެސް ފަރީދާއަކަށް އިބްރާހީމަކާއި ދިމައެއް ނުވިއެވެ. އެހެންވެ އޭނާ އަނެއްކާވެސް ހިނގައި ގަތީ އެއްގަމަށެވެ. "ރާމިޒާ. ރާމިޒާ" ވައިރޯޅިއަކާއި އެކު ވަރަށް ދުރުން މީހަކު ރާމިޒާއަށް ގޮވާއަޑު ފަރީދާއަށް އިވުނެވެ. އެއަޑު އަންނަނީ ވަރަށް ދުރުން ކަމަށްވާތީ އެންމެ ފުރަތަމަ ފަރީދާ ހީކުރީ އެއީ އޭނާއަށް ހީވި ގޮތެއް ކަމަށެވެ. އެހެން ނަމަވެސް ކަނުލައި އަޑުއަހާލުމުން އެއީ އިބްރާހީމް ރާމިޒާއަށް ގޮވާއަޑުކަން ފަރީދާއަށް އެނގިއްޖެއެވެ. ކުރިން އައި ކޮޅަށް ހިނގާ އައި ފަރީދާއަށް މުހައްމަދާއި ދިމާވި ހިސާބަށް އާދެވުމުން އޭނާގެ ހިތަށްވަނީ، މުހައްމަދު ނުކުތް ދިމާލުން ވަލަށް ވަނުމަށެވެ. އެއީ އިބްރާހީމްގެ އަޑުވެސް އަންނަނީ މުހައްމަދު ނުކުތް ދިމާލުންކަމަށް ހީވާތީއެވެ. މުހައްމަދު ނުކުތް ދިމާވެސް އޮތީ ގަސްތަކާއި ފަތްކުގެ ތެރެއިން ފާހަގަ ވާށެވެ. އެހެންވެ މުހައްމަދު ވަލުން ނުކުތް ދިމާ ބަލައިގެން ގަސްތަކުގެ ތެރޭން ފަރީދާވެސް ވަލަށް ވަންނަން ފެށިއެވެ. މޮޔައެއްހެން ހުއްޓާނުލައި ފަރީދާއަށް ގޮވަމުން، ވަލުތެރޭގައި އިބްރާހީމް ހިނގަމުން ދިޔައެވެ. ބޯހާސްވެފައި ހުރިލެއް ބޮޑުކަމުން، އެންމެފަހުން ރާމިޒާ އާއި އެކު ވަލުތެރޭގައި ހުރި ހިސާބުވެސް އިބްރާހީމަށް ރަނގަޅަކަށް ފާހަގައެއް ނުކުރެވުނެވެ. އެހެންވެ އޭނާ ޖެހުނީ ރާމިޒާ ހޯދަން ތުނޑީކޮޅު މުޅިވަލުތެރޭގައި އަތްފުނާއަޅާށެވެ. ހިތު ލަފައަށް ގަސްތަކުގެ ތެރޭގައި ބަލަމުން ހިނގަމުން އަންނަނިކޮށް، އިބްރާހީމަށް އެމީހުން އެންމެ ފަހުން ތިބިތަނަށް ނުކުމެވިއްޖެއެވެ. އެއީ ބޮޑެތި ގަސްތައް މަދު ވިނަހެދިފައި ހާމައަށް އޮތް ތަންކޮޅެކެވެ. ދަނޑުހައްދަން ކުރިން ބޭނުންކޮށް ދޫކޮށްލާފައި އޮތް ސަރަހައްދެކެވެ. ވިނަގަނޑުމަތީގައި އެއްވެސް ހަރަކާތެއް ނެތިފައި އޮތް ރާމިޒާ އިބްރާހީމަށް ފެނުނީ އެއްލުނު ކަޅިއަކުންނެވެ. އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ބާރަށް ދުއްވައިގަތް ވަގުތު ވެޔޮގަނޑެއްގައި އަޅައިގެންފައި އިބްރާހީމް ވެއްޓުނެވެ. އެކަމަކު ވެއްޓުނުލެކެއް ބާރަށް އޭނާ ތެދުވިއެވެ. ރާމިޒާއާ ހަމައަށް އާދެވުމުން އޭނާއަށް ކޮޅު ކަކޫމަށްޗަށް އިށީނދެވުނީއެވެ. އިބްރާހީމް ރާމިޒާގެ ނޭފަތާއި އަތްގާތް ކޮށްލިއެވެ. ރާމިޒާ ނޭވާ ނުލާކަން އެނގުމުން އޭނާއަށް ބާރަށް ހަޅޭ ލަވައިގަނެވުނެވެ. އިބްރާހީމާއި ރާމިޒާ ހޯދަމުން އައި ފަރީދާއަށްވެސް އެހިސާބަށް ނުކުމެވުނީ އެވަގުތުއެވެ. ވިނަގަނޑުމަތީގައި އޮތް ރާމިޒާގެ ހަށިގަނޑާއި، ކޮޅުކަކޫ ޖަހަގެން އޭނާގެ ގާތުގައި އިން އިބްރާހީމް ފެނުމާއި އެކު ފަރީދާއަށްވެސް ހުއްޓެވި އެއް ފިޔަވަޅު ނެގުނީ ފަހަތަށެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނާ ކުރިއަށް ޖެހިލިއެވެ. "އަވަހަށް ނަގާ! ޞިއްޙީ މަރުކަޒަށް ގެންދެވޭތޯ ހިނގާ!" ފަރީދާ ބުންޏެވެ. "ފުރާނައެއް ނެތް " އިބްރާހީމް ފަރީދާއަށް ބަލާލާފައި އަޑުން އަޑުނަގައި ރޮއެގަތެވެ. ފަރީދާވެސް ރާމިޒާގާތުގައި އިށީންނަށް އުޅެނިކޮށް އަރިއަޅާލުމުން ވިނަގަނޑުގެ ފަތްތަކުގެ މަތީގައި އޭނާއަށް އަތްވިއްދުނެވެ. ފަތްތަކުން ރާމިޒާގެ އަތުގައި ހޭކުނީ ދިޔަ އެކެވެ. އަތުގައި ހޭކުނީ ކޮންއެއްޗެއްތޯ ފަރީދާއަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ. ކުލައެއް ނެތް ތެތްކަމަކަށް ވާތީ، ވަސްބަލާލީ ކޮންއެޗެއްތޯ ޔަޤީން ކުރުމުގެ ގޮތުންނެވެ. އެވަސް ނޭފަތުގައި ޖެހުމާއި އެކު ފަރީދާއަށް އަތްއެޅުނު ވިނަގަނޑުމައްޗަށް ރަނގަޅަށް ބަލާލެވުނެވެ. ފަތްތަކުގެ މަތީގައި ބުރައިގެން ގޮސްފައި ހުރި ފެންތިކިތަކެއްހެން ހުރީ ކޮންއެއްޗެއްކަން އޭނާއަށް ދެނެގަންނާކަން އުނދަގުލެއް ނުވިއެވެ. ފަރީދާއަށް ލިބުނީ ހައިރާންކަމެކެވެ. ހިތުގައި އުފެދުނީ ސުވާލުތަކެކެވެ. ފަރީދާގެ ސަމާލުކަން ދެން ހުއްޓުނީ، ރާމިޒާގެ އަތުގައި ލޭ މަނާކުރަން ބަނދެފައި ހުރި ފޮތިފަށަށެވެ. އެފޮތިފަށް އައްސާފައި ހުރުމުގެ ސަބަބުން ވަޅިންޖެހި އަތްތިލަ މަތިން ކަނޑައިގެން ގޮސްފައިވާތަނުން ހުރީ ލޭމަނާވެފައެވެ. ރާމިޒާ އެތަނުގައި އޮއްވައި އިބްރާހީމަށް އަދި އެފެނުނީކަން އޭނާގެ ހަރަކާތްތައް ހުރި ގޮތުން ފަރީދާއަށް ޔަޤީންވިއެވެ. "ރާމިޒާގެ އަތުގައި، މި ފޮތިފަށް ބަނދެ ލޭމަނާކުރީ ކާކުބާ؟" ފަރީދާ އޭނާގެ އަމިއްލަ ނަފުސަށް ބުންޏެވެ. ރާމިޒާގެ ހަށިގަނޑަށް ބަލަން އިނދެ އިބްރާހިމް ބާރަށް ރޮނީއެވެ. ފަރީދާ ހުރީ ޖަވާބު ނެތް ސުވާލުތަކެއްގެ ދުނިޔެއަށް ގެއްލިފައެވެ. ފަންތަކުގެ ދަށުގައި އޮތް އާދަނަށް ބޫން އަޑުތަކެއްގެ ގޮތުގައި އެއަޑުތައް އިވެމުން ދިޔައެވެ. އެކަމަކު އަތްފައި ގުޑުވާލެވޭނެ ހައި ހިއްވަރެއްވެސް އޭނާގެ ނެތެވެ. އޭނާ އޮތީ ދެބަ ދޭތެރޭގައެވެ. ކުކުރުމުގެ އަޑު މަޑުމަޑުން އިވެމުން ދިޔަ ނަމަވެސް އެއަޑުން މީހަކަށް ހީވާނީ، ހާލީގައި ފީވެ އޮތް ވަލު ކަނބިއްޔެއް ކުކުރަނީ ހެންނެވެ. (ނުނިމޭ) 7 ވަނަ ބައި 22 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ