މާލެ: 31°C

ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރަމުންދާނަމަ ރާއްޖޭގެ އިގްތިސާދު ހަލާކުވެ، ނިކަމެތި ވެގެންދާނެ: ސިޔާމް

ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރަމުންދާނަމަ ރާއްޖޭގެ އިގްތިސާދު ހަލާކުވެ، ނިކަމެތި ވެގެންދާނެ: ސިޔާމް
October 16, 2024
2 ފަހަރު ބަލާފައި
ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރަމުންދާނަމަ ރާއްޖޭގެ އިގްތިސާދު ހަލާކުވެ، ނިކަމެތި ވެގެންދާނެ: ސިޔާމް
ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރަމުންދާނަމަ ރާއްޖޭގެ އިގްތިސާދު ހަލާކުވެ، ނިކަމެތިވެގެންދާނެ ކަމަށް ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު ވިދާޅުވި އެވެ. ސިޔާމް ވިދާޅުވީ ރާއްޖޭގައި މިހާރު ކުރަންވީ އެންމެ މުހިންމު ކަމަކީ ހަރަދު ކުޑަކުރުން ކަމަށެވެ. އެގޮތުން ގެއްލުމުގައި ހިންގާ ކުންފުނިތައް މިއަދުން މިއަދަށް ހިންގުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. މިސާލެއްގެ ގޮތުން މިފްކޯ ވެސް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުމުގައި ހިންގުމުގެ ސަބަބުން ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ ދަނީ ކަނޑަށް އެޅިގެން ކަމަށް ސިޔާމް ވިދާޅުވި އެވެ. "މީ ހުސް ޖަރީމާ ކުންފުނިތައް، މީ ހުސް ވައްކަންކުރާ ކުންފުނިތައް. އަޅުގަނޑު ގޮވާލަން މި މަޖިލީހުގެ އެންމެހާ މެމްބަރުންނަށް، ރައީސަށް މި ކުންފުނިތައް މިއަދުން މިއަދަށް ހުއްޓާލަން،" ސިޔާމް ވިދާޅުވި އެވެ. ސިޔާމް ވިދާޅުވީ އެފަދަ ކުންފުނިތައް އުވާނުލާނަމަ ކުރިއަށް އޮތް ތަނުގައި ކެތް ނުކުރެވޭ ވަރަށް ގައުމު އިނދަޖެހިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސް ނަގަން ދެކޮޅު ނޫން ކަމަށާއި ނަމަވެސް ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރަންޖެހޭ ކަމަށެވެ. ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ވާހަކަދައްކަވަމުން ގިނަ ރިސޯޓުތަކެއް ހިންގާ ސިޔާމް ވިދާޅުވީ ރާއްޖެއަކީ ބޮލަކަށް ޖެހޭ ޓެކްސްގެ އަދަދުން ބަލާނަމަ ސައުތް އީސްޓް އޭޝިއާގައި އެންމެ މުއްސަނދި ގައުމު ކަމަށާއި ނަމަވެސް އެ ފައިސާ ދަނީ އިސްރާފުވެގެން ކަމަށެވެ. ސިޔާމް ވިދާޅުވީ ޓެކްސްގެ ގޮތުގައި ހޯދާ ފަސް ބިލިއަން ރުފިޔާގެ ތެރެއިން ދެ ބިލިއަން ރުފިޔާ އަޅާލަނީ ކަނޑަށް ކަމަށާއި އެއީ ބޮޑު ހިޔާނާތެއް ކަމަށެވެ. ސިޔާމް ވިދާޅުވީ ޓެކްސްގެ ގޮތުގައި ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށް ވަންޏާ އޭގެ ތެރެއިން ދެ ބިލިއަން ޑޮލަރު ކަނޑަށް އަޅާލީމާ ޓެކްސް ކިތަންމެ ބޮޑުކުރި ނަމަވެސް އޭގެ ފައިދާއެއް ރައްޔުންނަކަށް ނުކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ޓެކްސް މިހާރު ވެސް ނަގަނީ ވަރަށް މަތީ ފެންވަރުން ކަމަށާއި އިގްތިސާދާ އެއްވަރަށް ޓެކްސް ނެގުމަކީ މުހިންމު ކަމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ޓެކްސް މިހާރު ވެސް ދުނިޔޭގައި ކުރިއަރާފައިވާ ދުބާއީ އަދި ސިންގަޕޫރަށްވުރެ މާ ބޮޑު،" ސިޔާމް ވިދާޅުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ