ހަފީޒާ 5ވަނަ ބައި

ހަފީޒާ 5ވަނަ ބައި
ލިޔުން:
11 އޮކްޓޫބަރުގެ އަދަދާއި ގުޅޭ!
އިބްރާހީމްގެ ބޮލުގައި ރިއްސާލިއެވެ. ހަފީޒާ ރާމިޒާގެ ވާހަކަ ދައްކާތީއެވެ.
"ޢާލިމަށް ބަލައިލާތި، އަހަރެން އެބަ އަންނަން ރާމިޒާ ކޮބައިތޯ ބަލާލާފައި." އިބްރާހީމް ވޯޑުން ނުކުންނަށް ހިނގައިގަންނަމުން ބުންޏެވެ. އިބްރާހީމް އެހެން ބުނުމުން ފަރީދާ އާއި އައިމިނައަށްވެސް ބަލާލެވުނީ، އެކަކު އަނެކެއްގެ މޫނަށެވެ. އެކަމަކު ދެންވެސް އެމީހުންނަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
ހަރުފިޔަވަޅުމަތީގައި އިބްރާހީމް ހިނގަމުން ދިޔައީ، ގެއާ ދިމާއަށެވެ. އޭރު އޭނާގެ ހިތުގައިވެސް ފާޑެއްގެ ބިރުވެރިކަމެއް އުފެދިއްޖެއެވެ. ހިތަށް ވަސްވާސްތައް ވަންނަން ފަށައިފިއެވެ. އިބްރާހީމް ހީކޮށްގެން ހުރީ އޭނާގެ ފަހަތުން ރާމިޒާ އާއި ހަފިޒާވެސް އައި ކަމަށެވެ. އެކަމަކު ފަތްޖެހި އެނދުމަތީގައި ހަފީޒާ ގެނެސް ވެއްދި ހިސާބުން ފެށިގެން އޭނާގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހަންފެށި ނަމަވެސް އޭނާ ހީކޮށްގެން ހުރީ އެއީ ވަސްވާހެއް ކަމަށެވެ.
އިބްރާހީމަކީ ބައެއް ފަހަރު ހަޤީޤަތަށްވުރެ ބޮޑަށް ކަންކަންމާއި މެދު ފިކުރު ބޮޑުވެ ނުބައިކޮށް ވިސްނޭ މީހެކެވެ. ހަޔާތުގައި އޭނާއަށް ކާމިޔާބެއް ނުލިބޭ ސަބަބަކީވެސް އޭނާގެ ހިތް ބިރެވެ. އެހެންވެ އޭނާ ހުންނަނީ އެކަމުގެ ސަބަބުން އަމިއްލަ ނަފުސުދެކެވެސް ބިރުގެންފައެވެ.
"ރާމިޒާއަށް ކިހިނެއްވީބާ؟ އަނބުރައިގަނެގެން ވެއްޓުނީބާ؟ މީހަކު އޭނާ ރަހީނުކުރީބާ؟ ނޫނީ ޖިންނިއެއް ގެންދިޔައީބާ؟" އިބްރާހީމްގެ ހިތުގައި އެނބުރެމުން ދިޔައީ ވަސްވާހުން ފުރިފައިވާ ސުވާލުތަކެވެ.
ހަލުވި ހިނގުމުގައި އައިސް ގޭގެ ދޮރާށި ހުޅުވާލާފައި ވަތް އިރު، އިބްރާހީމާއި ގޯތިތެރެއިން ބައްދަލުކުރީ ހިމޭން ކަމާއި ފަޅުކަމެވެ. މީހެއްގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ. ހެނދުނު ރާމިޒާ ކުނިކަހައި ސާފުކޮށްފައި އޮތް ގޯތީގެ ތެރެއަށް ގަސްގަހުން އެކި ދެތިން ފަތް ވެއްޓިފައި އޮތެވެ. އެނޫނީ އަކިރިވެލިން ރީތިކޮށްފައި އޮތް ގޯތި ތެރެވެސް އޮތީ ސާފުކޮށެވެ. އެއްޗެހި ހުރީ ތަރުތީބުކޮށެވެ.
ގޭގެ ދޮރުހުޅުވާލާފައި އިބްރާހީމް ސިޓިންގ ރޫމަށް ވަނެވެ. އެތާކުވެސް އެއްވެސް މީހަކު ނެތެވެ. ދެން އިބްރާހީމް ވަނީ ކޮޓަރިއަށެވެ. ކޮޓަރީގައިވެސް ރާމިޒާ ނެތުމުން ކޮޓަރިތެރެން ވަދެވެން ހުރި ގިފިއްޔަށް ވަދެ އެތަންވެސް އިބްރާހީމް ބެލިއެވެ. ރާމިޒާ އެތަނަށް ވަތްކަމުގެ ހިލަމެއް ނެތުމުން ދެން އޭނާ ނުކުތީ ބަދިގެ ފަރާތަށެވެ.
ބަދިގެ ފައްޗާއި ގާތްވަމުން ދިޔައިރު، ބަދިގެ އިން ވަދެވެން ހުރި ކާގޭ ތެރެއިން ތެލިތަށި ތަޅުވާއަޑު އިބްރާހީމަށް އިވެމުން ދިޔައެވެ. އެހެންވެ ކާގޭ ތެރޭގައި ރާމިޒާ އުޅެނީކަމަށް ޤަބޫލުކޮށް އިބްރާހީމް މޭގައި އަތްޖައްސާލާ ހިތްހަމަޖައްސާލީއެވެ. އިރުކޮޅަކު ހުއްޓި ހުރެ ފުންނޭވާއެއް ލުމަށްފަހުގައި އޭނާ ގޮސް ކާގޭގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އިބްރާހީމަށް ލަވައިގަނެވުނީ ހަޅޭކެވެ. ފަހަތަށް ފިޔަވަޅު ނެގިވަގުތު އޭނާ ވެއްޓުނީ ފައި އޮޅިގެންނެވެ.
*********
މުހައްމަދު ކަތިވަޅީގެ މުއްގަނޑުން ޖެހިލެއް ބާރުކަމުން އާދަނުގެ ލޯމައްޗަށް ދިޔައީ ކޮކާ ބުރައިގެންނެވެ. އޭނާ ވެއްޓުނީ އިދިފުށަށް ވިނަގަނޑުމައްޗަށެވެ. ފުސްވަމުން ދިޔަ މަންޒަރުގެ ތެރޭން އާދަނަށް ފެނުނީ، މުހައްމަދު އޭނާ ލައިގެން ހުރި އެއްޗެހި ބާލާތީއެވެ. އެހިސާބުން ރޭގަނޑެއް ފަދައިން އޭނާގެ ލޮލަށް އެމަންޒަރު އޮބި ގެއްލުނީއެވެ.
ވަހުޝީ ޝައިތާނަކަށް ވެފައި ހުރި، މުހައްމަދުގެ ސިކުނޑީގައި އެހެން ކަމެއް ނުއެނބުރެވެ. އޭނާ ފެންބޮވައިގެންފައި ހުރީ އެދުންވެރިކަން ފުއްދުމަށެވެ. ގަމަށް އޭނާ އަރުވާލާފައި ހުންނަތާ އަހަރެއްވާން ކައިރިވެފައި ވާއިރު، އެއްވެސް އަންހެނެއްގެގައިގައި ބީހިލާކަށް އޭނާއަކަށް ފުރުޞަތެއް ނުލިބުނެވެ. ދަންވަރު ގޭގެއަށް ވަންނަން ހަދައިގެން ދެތިން ރެއަކު، އަނިޔާވެސް ވެއްޖެއެވެ. އޭގެ އިތުރުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުޑައަންހެން ކުއްޖަކު ގޮވައިގެން ފުއްޓަރު ފަރާތަށް ދަނިކޮށް ފެނިގެން ރަށުގެ ޒުވާނުންތަކެއް އޭނާގެ ގައިގައި ތަޅައިވެސް ގަތެވެ.
މުހައްމަދަކީ، ޖިންސީ ކަންކަމުގައި ހައްދު ފަހަނަ އަޅާފައިވާ މީހެކެވެ. އެނޫން ކަމެއް އޭނާގެ ސިކުނޑިއަކު ނޭނބުރެއެވެ. އެނޫން ނަޒަރަކުން އަންހެނަކާއި ދިމާއަށް އޭނާއަކަށް ނުބެލެއެވެ. މީހަކާ ވާހަކަ ދެއްކިޔަސް އޭނާއަށް ދެއްކޭނީ ކޮންމެވެސް އަންހެނެއްގެ ވާހަކައެވެ. ކޮންމެވެސް ޖިންސީ ވާހަކައެކެވެ. އޭނާގެ ބޮލަށް އަބަދުމެ ޝައިޠާނާ އިންނަނީ ސަވާރުވެގެންނެވެ.
ހަށިގަނޑުން އެތައް ބައިވަރު ލެއެއް ބޭރުވެފައިވާ ރާމިޒާގެ ނޭވާ ދިޔައީ މަޑުމަޑުން ހުއްޓެމުންނެވެ. ހުޅުވިފައިވާ ލޯ ދިޔައީ ލެއްޕެމުންނެވެ. އޭނާގެ ހަށިގަނޑުގައި، މުހައްމަދު އަތްލުމާއި އެކު ރާމިޒާގެ ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަތިކި ވިނަގަނޑުގެ ފަތްތަކުގެ މަތީގައި ޖެހުމާއި އެކު، ފަހުނޭވާއަށް އޭނާގެ ދެފައި އެއްފައި އަނެއްފައިގެ މައްޗަށް އޮޅާލެވިގެންދިޔައެވެ. އެއާއެކު އެޠާހިރު ފުރާނަ އޭގެ ޖިސްމުދޫކޮށް ކަލާނގެ ހަޟުރަތަށް ދަތުރުފަށައިފިއެވެ.
މުހައްމަދަށް ރާމިޒާ ފަހުނޭވާލީ މަންޒަރު ފެނުނެވެ. އެހަށިގަނޑުން ފުރާނަ ވަކިވެއްޖެކަންވެސް އެނގުނެވެ. އެކަމަކުވެސް އޭނާގެ ވަހުޝީކަމާއި ޝައިޠާނީކަން ފިލައިގެނެއް ނުދިޔައެވެ. ފުރާނަނެތް އެހަށިގަނޑުގައި އޭނާ ބީހެން ފެށިއެވެ. އެކި ގުނަވަނުގައި ވަކިވަކިން އަތްލަމުން ދިޔައެވެ.
ގަސްގަހުގައި ތިބި ކާޅުތަކާއި ކޮވެލިތައްވެސް ދުރަށް އުދުހިގެން ހިނގައްޖެއެވެ. ހީވަނީ، ހާމަ އުޑެއްގެ ދަށުގައި ހިނގަމުން ދިޔަ، ނިހާއީ ވަޙުޝީ އަދި ޝައިޠާނީ ޢަމަލުތައް ބަލަން އެތަކެއްޗަށްވެސް ކެތް ނުވީހެންނެވެ. ދުރަށް އުދުހިގެން ދިޔަ ކާޅުބައިގަނޑު އޭގަ ބަރު އަޑުން ގޮވަމުން އުދުހެމުން ދިޔައީ ރަށުތެރެއާ ދިމާއަށެވެ.
**********
އިދިފުށަށް ވެއްޓުނު އިބްރާހީމްގެ ގައިމަތިން ކާގޭ ތެރެއިން ނުކުމެގެން ދިޔައީ، ކާގޭ މޭޒުމައްޗަށް އަރާ އޮތް ބޮޑު ދެބުޅަލެވެ. އެއް ބުޅަލުގެ ވަކިގަނޑު އިބްރާހީމްގެ އަތުގައިވެސް އެޅުނެވެ. އެއާއެކު ނަގަގަތް ދިލައަކުން އޭނާއަށް އައްދޯތްއޭވެސް ބުނެވުނެވެ.
ތެދުވެ ގައިން ވެލިފޮޅާލުމަށްފަހުގައި، އިބްރާހީމް އަތުގެ މުލައް ދަނޑީގައި ބުޅަލުގެ ވަކިއެޅުނުތަކަށް ބަލާލިއެވެ. ބުޅަލުގެ ތިން ވަކިގަނޑު އަޅައިގަތްގޮތަށް ދެ އިންޗިއެއްވަރު ދިގު މިނަށް، ތެޔޮހަން ކަނޑައިގެން ގޮސްފައި ހުއްޓެވެ. އެހެންވެ އޭނާ އަލުން ވަނީ ކޮޓަރިތެރެއަށެވެ. ކޮޓަރިތެރެއަށް ވަދެ އަތަށް ކޯލާވާޓަރު އަޅަން ހުރި އިރުވެސް އިބްރާހީމްގެ ވިސްނުމުގައި އެނބުރެމުން ދަނީ، ރާމިޒާއަށް ވީގޮތެއްގެ ޚިޔާލެވެ.
ކޮންމެވެސް މީހަކު ވަލުތެރޭގައި ރާމިޒާ ހިފަހައްޓައިގެން އުޅެނީއެވެ. އޭނާ ނުކުތަ ނުދީ އޭނާއާ އޮޅުލަނީ އެވެ. ރާމިޒާ ސަލާމަތްވާން ގޮވަނީއެވެ. އާދޭސް ކުރަނީއެވެ. އިބްރާހިމްގެ ޚިޔާލަށް އަންނަނީ އެމަންޒަރެވެ. ކޮންމެވެސް މީހަކު ރާމިޒާ މަރާލަން އުޅެނީއެވެ.
އެއީ ބޮލުތެރޭގައި އެނބުރޭ ވަސްވާހެއްކަމަށް ޤަބޫލުކޮށް އެއާ ދުރަށް ދިޔުމަށް އިބްރާހީމް ބޯތަޅުވާލިއެވެ. އަދި ކޯލާޓަރުފުޅި ބެހެއްޓުމަށްފަހު، ކޮޓަރިން ނުކުމެ އަދި ގެއިންވެސް ނުކުމެގެން ހިނގައިގަތެވެ.
އިބްރާހީމް ހަލުވި ހިނގުމުގައި ހިނގައި ގަތީ ވަލާ ދިމާއަށެވެ. އެއީ ރާމިޒާއަށް ކަމެއް ވީނަމަ ވީ ވަލު ތެރޭގައި ކަމަށް އޭނާއަށް ހީވާތީއެވެ.
އިބްރާހީމް ކުރިޔަށް ހިނގަމުން ދިޔައީ މަގުމަތިން ދިމާވާ ކޮންމެ މީހެއްގެ ގާތުގައިވެސް ރާމިޒާ ފެނުނުތޯ އަހަމުންނެވެ. އޭނާއާ ބައްދަލުވިތޯ އަހަމުންނެވެ. އެކަމަކު ރާމިޒާގެ ޚަބަރެއް އެނގޭ މީހަކާއި ދިމައެއް ނުވިއެވެ. ފެނުނު ކަމަށް ބުނި މީހުންވެސް އެންމެ ފަހުން ފެނުނު ކަމަށް ބުނީ އިބްރާހީމް އާއި އެކު ވަލަށް ވަންނަނިކޮށެވެ.
***********
ހަފީޒާއަށް ފެންފޮދެއްދީ މޫނުގައި ފެންހާކާލުމުން ކުޑަކޮށް ހަމަޔަކަށް އެޅިއްޖެއެވެ. އެކަމަކު އައިމިނަވެސް ފަރީދާވެސް އޭނާއަށް އެއްވެސް ސުވާލެއް ނުކޮށް އިހަށް މަޑުކޮށްލީ، ސެންޓަރު ރަފީޢު އެގޮތަށް އިރުޝާދު ދިނުމުންނެވެ. ހަފީޒާ މާބޮޑަށް ކަމަކާ ހާސްވީކަން ރަފީޢުއަށް އެނގުނެވެ. އެހެންވެ އޭނާ އިރުޝާދު ދިނީ އިހަށް ހަފީޒާއާ މާބޮޑަށް ސުވާލުތައް ނުކުރުމަށެވެ. އެއީ ކުޑަކުއްޖަކަށް ޖެހޭ އެފަދަ ޝޮކެއްގައި އެންމެ މުހިއްމު ކަމަކީ ހަމަޖެހިލަން ވަގުތު ދިނުން ކަމަށް ވާތީއެވެ.
"މަގޭ ހަފީޒާއަށް ކިހިނެއްތަ މިވީ!" ބޭރަށް ނުކުމެފައި އަނެއްކާ ވޯޑުތެރެއަށް ވަދެގެން އަންނަމުން ހަލީމާ ދައިތަ ބުންޏެވެ. އެއްޗެކޭ ނާހާށޭ ބުނާ ގޮތަށް އައިމިނަ ހަލީމާދައިތައަށް ލޮލުންކޮށްލީ އިޝާރާތެކެވެ.
"ރާމިޒައްތަ ވެއްޓުނީ!، ދެން ވަރަށް ބައިވަރު ލޭވެސް އައި އަތުން." ހަފީޒާ ހުއްޓަ ހުއްޓާފައި ކިޔައިދިނެވެ.
"ކޮންތާކަށް ވެއްޓުނީ!" ހައިރާންކަމާއި އެކު އައިމިނައަށްވެސް ކުރެވުނީ ސުވާލެކެވެ.
"ވަލުތެރެއަށް!" ހަފީޒާ ބުންޏެވެ.
"ކީއްވެ ލޭއައީ" މިފަހަރު ސުވާލުކުރީ ފަރީދާއެވެ.
"ވަޅިމައްޗަށް ވެއްޓުނީ! އަހަރެން ގޮވިން އިބްރާހިމްބޭއަށްވެސް އެކަމަކު އަޑެއް ނުއިވުނު!" ހަފީޒާ އަނެއްކާވެސް ރޯންފެށިއެވެ.
"އެހެންވިއްޔާ ރާމިޒާ ވެއްޓުނުތަނެއް އެނގޭނެ އިބްރާހީމަށް! އަންނާނަށް އޭނާ ހޯދާފައި ޚަބަރުދީފައި" ފަރީދާ ހަލުވި ފިޔަވަޅުގައި ސިއްޚީމަރުކަޒުގެ ވޯޑުން ނުކުންނަން ހިނގައިގަންނަމުން އައިމިނައަށް ބުންޏެވެ.
އައިމިނައަށް ވަދެވުނީ އިބްރާހީމްމެންގެ މަގުމަތީ ފަރާތު ދޮރުންނެވެ. އޭރު، ވަލުފަރާތު ދޮރުން އިބްރާހީމް ނުކުމެއްޖެއެވެ.
=ނުނިމޭ=
6 ވަނަ ބައި 18 އޮކްޓޯބަރ 2024 ވާ ހުކުރު ދުވަހު ގެނެސްދެވޭނެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
