މާލެ: 31°C

ހ. ހުދުފިނިފެންމާގޭގެ ފާރު ސިޓީ ކައުންސިލުން ތަޅާލުމުން ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ: މަދަނީ ކޯޓް

ހ. ހުދުފިނިފެންމާގޭގެ ފާރު ސިޓީ ކައުންސިލުން ތަޅާލުމުން ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ: މަދަނީ ކޯޓް
October 14, 2024
2 ފަހަރު ބަލާފައި
ހ. ހުދުފިނިފެންމާގޭގެ ފާރު ސިޓީ ކައުންސިލުން ތަޅާލުމުން ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ: މަދަނީ ކޯޓް
ހ. ހުދުފިނިފެންމާގޭގެ ފާރެއް މާލެ ސިޓީ ކައުންސިލުން ތަޅާލި މައްސަލައިގައި އެގޭގެ ވަރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް މާލެސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ. ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގެއެއްގެ މީހުންނަށް ނުނިކުމެވޭގޮތަށް އެތަނުގައި އޮތް ގޯޅިއެއްގައި ފާރެއް ރާނާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދައާ އެކު އެވެ. އެ ފާރު ރޭނުމުން އެ ގޭގެ މީހުންނަށް ނުނިކުމެވި ގޭގައި ތާށި ވުމުން ސިޓީ ކައުންސިލުން ވަނި ހުދުފިނިފެންމާގޭގެ ފާރު ތަޅާލާފަ އެވެ. މިމައްސަލައިގައި ހަސަން ޝާކިރު މުހައްމަދުގެ ފަރާތުން މާލެސިޓީ ކައުންސިލާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން މިއަދު ވަނި ހުކުމް ކޮށްފަ އެވެ. މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލަށް ޖަވާބުދާރީވާން އެންގުމުން އެކަމަށް ދިން މުއްދަތުގައި ޖަވާބުދާރީވެފައެއް ނުވެ އެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ ވަގުތުގައި ޖަވާބުދާރީ ނުވެވުނީ ކައުންސިލްގެ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށެވެ. ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތަކަށް ސިޓީ ކައުންސިލުން އެދުނު ނަމަވެސް، ޝަރީއަތުން ނިންމީ ކައުންސިލްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން މައްސަލައިގެ ހުކުމް ވެސް ކޮށްފައިވަނީ ސިޓީ ކައުންސިލްގެ ޣައިރު ހާޒިރުގަ އެވެ. އެގޮތުން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ހ. ހުދުފިނިފެންމާގޭގެ ގޯތީގެ އިމުގެ ތެރެއަށް މާލޭސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުންވަދެ އިމާރާތުގެ ފާރުތައް ތަޅާލާފައިވުމުގެ ސަބަބުން ހަސަން ޝާކިރަށް ލިބުނު ގެއްލުމުގެ ޒިންމާ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ނަގަން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ހޯދުމުގެ މައްސަލައެއް ހަސަން ޝާކިރުގެ ފަރާތުން ސިޓީ ކައުންސިލާއި ދެކޮޅަށް ހުށަހަޅައިފިނަމަ ބަލާނެކަންވެސް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ