މާލެ: 31°C

ލާމަރުކަޒީ ނިޒާމު ހަލާކުކުރާ ކަމަށް ރައީސް ސޯލިހު ތުހުމަތު ކުރައްވައިފި

ލާމަރުކަޒީ ނިޒާމު ހަލާކުކުރާ ކަމަށް ރައީސް ސޯލިހު ތުހުމަތު ކުރައްވައިފި
October 12, 2024
2 ފަހަރު ބަލާފައި
ލާމަރުކަޒީ ނިޒާމު ހަލާކުކުރާ ކަމަށް ރައީސް ސޯލިހު ތުހުމަތު ކުރައްވައިފި
ލާމަރުކަޒީ ނިޒާމު ހަލާކުކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޑރ. މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން ގެންނަ ބޮޑެތި ބަދަލުތަކާ އެކު މުޅި ނިޒާމު ފުނޑިގެންދާނެ ކަމަށެވެ. އަދި މިއީ ޕީޕީއެމް ޕީއެންސީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމާ މެދު އަމަލުކުރާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ. "އެޓޯލްސް މިނިސްޓްރީ އުފައްދައިފި. ބާރުތައް ޖަމާކުރުން ފުރަތަމަ ދުވަހުން ފެށިގެން އެދަނީ ކުރިއަށް. މިއަކީ ދިވެހިރާއްޖެ ތަރައްގީކުރެވޭނެ ގޮތް ކަމަކަށް އެމްޑީޕީން އެއް އިރަކުވެސް ނުދެކެން،" ރައީސް ސޯލިހް ވިދާޅުވި އެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ދުވަސްތަކަކަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ހުރިހާ މަސައްކަތްތަކެއް ހުރީ ހުއްޓިފައި ކަމަށެވެ. އަދި ކައުންސިލްތައް އޮތީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ބައެއްގެ ނުފޫޒުތަކެއްގެ ތެރެއަށް ލާފައި ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ. ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީ އިން އަމަލީގޮތުން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ސޯލިހް ވިދާޅުވީ މިއަދުގެ ސަރުކާރަކީ ރައްޔިތުން ދައްކާ ވާހަަކައެއް އަޑުއަހައި ގަބޫލުކުރާ ބައެއް ނޫން ކަމަށާއި ހުރިހާ ކަމެއްވެސް ކުރަނީ އަމިއްލަ ފައިދާއަށް ހިތުހުރި ގޮތަކަށް ކަމަށެވެ. ރާއްޖޭގައި އޮތީ ޑިމޮކްރަސީ ކަމަށްވާތީ ހުދުމުހުތާރުކޮށް ކަންކަން ކުރަން ބޭނުންވާ ސަރުކާރަކަށް ޑިމޮކްރަސީއެއްގައި ވެރިކަން ކުރަން އެއްގޮތަކަށްވެސް ފަސޭހަ ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. "ހުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ. ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންނާ ހިސާބަށް ގޮސް ވޯޓެއް ނަގައިގެން ސަރުކާރު ބަދަލުކުރުމެއް ނޫން. އެއަށް ވުރެ މާފުޅާދާއިރާއެއްގައި މާގިނަ ކަންތައްތަކެއް އެކުލެވޭ ކަމެއް އެއީ،" ރައީސް ސޯލިހް ވިދާޅުވި އެވެ. ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ސޯލިހް ވަނީ މިސަރުކާރު ކުރިއަށްދާ މިސްރާބާއި ސަރުކާރުގެ މަސައްކަތްތައް ހުރި ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ސުވާލު އުފައްދަވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ