ޔަހޫދީންގެ އަނިޔާވެރިކަން ހައްދުން ނެއްޓިއްޖެ؛ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 22 މީހުން ޝަހީދުކޮށްފި

ޔަހޫދީންގެ އަނިޔާވެރިކަން ހައްދުން ނެއްޓިއްޖެ؛ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 22 މީހުން ޝަހީދުކޮށްފި
ލިޔުން:
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި 22 މީހުން ޝަހީދުކޮށްލައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލައިފިއެވެ. ޖަބާލިިޔާއަށް ޙަމަލާ ދޭން ފަށާފައި ވަނީ, އެ ތަން ވަށައިލައި 400,000އެއްހާ މީހުން އެ ތަނުގައި ތާށިކޮށްލުމަށް ފަހުއެވެ. ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ, ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފު)ން ބުނީ, ޖަބާލިޔާގައި ތާށިވެފައިވާ މީހުންނަށް ވަރަށް ބިރުވެރި އަދި ނުރައްކާތެރި ހާލަތެއް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ.
ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61އަށް އުފުލިފައިވާއިރު, އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ޖަބާލިޔާގައި ތާށިވެފައި ތިބި ޢާންމުންނެވެ. އޭގެ ތެރެއިން 20 މީހަކު ޝަހީދު ކޮށްލާފައި ވަނީ, ހަތަރު ގެއަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައެވެ. އެމްއެސްއެފުން ބުނީ, ޖަބާލިޔާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
"[ޖަބާލިޔާއަށް] ވަދެނިކުމެ ހެދުމަށް [ޔަހޫދީ ސިފައިން] ދަނީ ހުރަސް އަޅަމުން, ނިކުންނަން މަސައްކަތް ކުރާ ކޮންމެ މީހަކަށް އަމާޒުކޮށް ބަޑި ޖަހާ،" އެމްއެސްއެފްގެ ޕުރޮޖެކްޓު ކޯޑިނޭޓަރ ސޭރާ ވެލްސްޓޭކް ވިދާޅުވިއެވެ. ޖަބާލިޔާގައި އެމްއެސްއެފް ފަސް މުވައްޒަފުން ތާށިވެފައިވާއިރު, އެ ސަރަޙައްދުން ކާބޯތަކެތި ހުސްވެ, އެ ތަނުގައި ތާށިވެފައިވާ މީހުން ހައިހޫނުގައި ޖެހިފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ޖަބާލިޔާއަށް އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ގެދޮރު ނެތިކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކު ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުންދާ މަދަރުސާއަކަށެވެ. އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން އެ ތަނަށް ދެމުންދާ ނުރައްކާތެރި ޙަމަލާތަކުގައި 15 މީހުން ޝަހީދުކޮށްލި ކަމުގައި ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ.
އެ ސަރަޙައްދުގައި އޮތް ބަޔިތު ޙާނޫނާއި ބަޔިތު ލާހިޔާއަށް ވެސް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ އެއްގަމު މަގުން އަރައި, ޤަތުލުޢާންމު ފުޅާކޮށްފައެވެ. އެ ސަރަޙައްދުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 130އެއްހާ މީހުން ޝަހީދުކޮށްލައި, އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
މި ކަމާ ގުޅިގެން އދން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި, ޣައްޒާގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށް ފަށާފައިވާ ކެމްޕޭންގެ ދެވަނަ ފިޔަވަހި ފެށުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައި އދގެ އޮފިޝަލުން ހާމަކުރިއެވެ. ޔަހޫދީ ފައުޖުން ޖަބާލިޔާ ޢުދުވާން ފުޅާކޮށްފައި މި ވަނީ, ވެކްސިން ކެމްޕޭންގެ ދެވަނަ ފިޔަވަހި ފެށުމަށް އދން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,126އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 98,117 މީހުން ޒަޚަމު ކޮށްލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
