މާލެ: 31°C

ފުލުހުންނާ ހަވާލުކުރި އެޕާޓްމަންޓްތައް ހޯދުމަށް ބައްސާމު ހައިކޯޓަށް

ފުލުހުންނާ ހަވާލުކުރި އެޕާޓްމަންޓްތައް ހޯދުމަށް ބައްސާމު ހައިކޯޓަށް
October 12, 2024
2 ފަހަރު ބަލާފައި
ފުލުހުންނާ ހަވާލުކުރި އެޕާޓްމަންޓްތައް ހޯދުމަށް ބައްސާމު ހައިކޯޓަށް
ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން އެންގި މައްސަލަ އޭނާ ހައިކޯޓަށް ހުށަހަޅައިފި އެވެ.
ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން އެފްއޭއެމަށް ދިން ފައިސާއިން އަމީން އެވެނިއުއިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ދެ އެޕާޓްމަންޓް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެނގި ނަމަވެސް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ބައްސާމްގެ ގާނޫނީ ވަކީލުން ފުލުހަށް ސިޓީއެއް ހުށަހެޅި އެވެ. އެ ސިޓީއަށް ރިއާޔަތްކޮށް, ބައްސާމް އެދުނު ގޮތަށް މުއްދަތު ދިނުމުން ގިނަ ބައެއްގެ ފާޑު އަމާޒުވި އެވެ. އެއަށްފަހު އެ ނިންމުން ބާތިލުކޮށް, އަންގާރަ ދުވަހުގެ 12 ގެ ކުރިން އެޕާޓްމަންޓްތައް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެނގި އެވެ. އެ އެންގުމާ އެއްގޮތަށް ބައްސާމް ވަނީ އެޕާޓްމަންޓް ފުލުހުންނާ ހަވާލުވެސް ކޮށްފަ އެވެ. ނަމަވެސް ފަހުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅިކަން މިހާރު ވަނީ ހާމަވެފަ އެވެ. ހައިކޯޓްގެ ވެބްސައިޓުން ދައްކާގޮތުން އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. އެ މައްސަލަ ބައްސާމް ހައިކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވެފައި ވަނީ އެފްއޭއެމަށް ލިބޭ ބޭރު ފައިސާ ކުންފުނިތަކަށާއި އެހެން އެކައުންޓުތަަކަށް ފޮނުވާފައިވާ މައްސަލަ ތަހުގީގުކުރަން ފެށީ މިިދިޔަ އަހަރު ކަމަށެވެ. އޭގެ އިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށް އަދި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށް ސަވާދު ވިދާޅުވި އެވެ. އަދި އަމީން އެވެނިއުން ބައްސާމް ގަތް ދެ އެޕާޓްމަންްޓަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފްއޭއެމްގެ ފައިސާއިން ޖުމްލަ 3.8 މިލިއަން ރުފިޔާ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން ފުލުހުން ވަނީ ބުނެފައި ވެއެވެ. މިދިޔަ ފެބްރުއަރީ މަހު ޕީޖީ އޮފީހުން ބައްސާމުގެ މައްޗަށް އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ. އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަ އާ ގުޅިގެން ފީފާއިން ވަނީ އެތަނުގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ