މާލެ: 31°C

އެންމެ ފަހުން ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި

އެންމެ ފަހުން ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
October 9, 2024
2 ފަހަރު ބަލާފައި
އެންމެ ފަހުން ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި އެވެ. މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ ދެ އެޕާޓްމަންޓް ރޭ 12 ޖަހާއިރު ހަވާލުކޮށްފައިވާ ކަމަށެވެ. ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން އެފްއޭއެމަށް ދިން ފައިސާއިން އަމީން އެވެނިއުއިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފަ އެވެ. މިދިޔަ އާދިއްތަ ދުވަހު އެ ދެ އެޕާޓްމަންޓް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެނގި ނަމަވެސް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ބައްސާމްގެ ގާނޫނީ ވަކީލުން ފުލުހަށް ސިޓީއެއް ހުށަހެޅި އެވެ. އެ ސިޓީއަށް ރިއާޔަތްކޮށް, ބައްސާމް އެދުނު ގޮތަށް މުއްދަތު ދިނުމުން ގިނަ ބައެއްގެ ފާޑު އަމާޒުވި އެވެ. އެއަށްފަހު އެ ނިންމުން ބާތިލުކޮށް, ރޭ 12 ގެ ކުރިން އެޕާޓްމަންޓްތައް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެނގި އެވެ. މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވެފައި ވަނީ އެފްއޭއެމަށް ލިބޭ ބޭރު ފައިސާ ކުންފުނިތަކަށާއި އެހެން އެކައުންޓުތަަކަށް ފޮނުވާފައިވާ މައްސަލަ ތަހުގީގުކުރަން ފެށީ މިިދިޔަ އަހަރު ކަމަށެވެ. އޭގެ އިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށް އަދި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށް ސަވާދު ވިދާޅުވި އެވެ. އަމީން އެވެނިއުން ބައްސާމް ގަތް ދެ އެޕާޓްމަންްޓަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެގޮތުން އެފްއޭއެމްގެ ފައިސާއިން ޖުމްލަ 3.8 މިލިއަން ރުފިޔާ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ. މިދިޔަ ފެބްރުއަރީ މަހު ޕީޖީ އޮފީހުން ބައްސާމުގެ މައްޗަށް އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ