މާލެ: 31°C

އައްޑޫ މޭޔަރު ވިދާޅުވަނީ އިންޑިއާ ކޮންސިއުލޭޓެއް ހުރުން މުހިއްމު ކަމަށް

އައްޑޫ މޭޔަރު ވިދާޅުވަނީ އިންޑިއާ ކޮންސިއުލޭޓެއް ހުރުން މުހިއްމު ކަމަށް
October 9, 2024
2 ފަހަރު ބަލާފައި
އައްޑޫ މޭޔަރު ވިދާޅުވަނީ އިންޑިއާ ކޮންސިއުލޭޓެއް ހުރުން މުހިއްމު ކަމަށް

އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ހުޅުވުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އައްޑޫގައި ކޮންސިއުލޭޓެއް އެޅުމަށް މަޝްވަރާ ކުރެއްވި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނިކޮށެވެ. 

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމާ މެދު ދެކެނީ ކިހިނެއްތޯ އަވަސް އިން ސުވާލުކުރުމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމަކީ ކައުންސިލުން އަބަދުވެސް ތާއީދުކުރާ އަދި އެކަމަށް ހިތްވަރު ދޭ ކަމެއް ކަމަށެވެ. "އެއީ އަބަދުވެސް ތާއީދު ކުރާ ކަމެއް. ސަރުކާރުން ބޭނުން ވުމުން އެކަންވާނެ. މިހަތަނަށްވެސް އެކަން ނުވެ އޮތީ އެކަން ކުރަން ސަރުކާރުން ނޫޅޭތީ،" ނިޒާރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް އިންޑިއާ ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އަދި މިހާތަނަށް ރަސްމީ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގައި އިތުރު މަޝްވަރާތައް ސަރުކާރާ އެކު މިހާރު ކުރިއަށް ގެންދެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ. "އެނިންމުމަކީ ސަރުކާރުން ނިންމަން ޖެހޭ ނިންމުމެއް. އެކަން ނުވެ ލަސްވެފައި އޮތީވެސް ސަރުކާރުން އެކަން ކުރުން ލަސްވެފައި އޮތީމަ،" ނިޒާރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުރުމަކީ އައްޑޫއާއި މުޅި ދެކުނުގެ ތަރައްގީއަށް ވެސް ހުޅުވޭ ދޮރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު އައްޑޫގައިވެސް މަސައްކަތް ކުރަމުންދާތީ އެމީހުންގެ މައްސަލަތައް ހައްލުކުރުމަށްވެސް ކޮންސިއުލޭޓެއް ހުރި ނަމަ މިހާރަށް ވުރެ ފަސޭހަވާނެ ކަމަށްވެސް ވިދާޅުވި އެވެ. "އެކަމުގެ ސަބަބުން އިގުތިސާދީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް ކުރާނެ. އަދި ދެކުނުގެ ރައްޔިތުން މާލެ ނުގޮސް އިންޑިއާއާ ގުޅުންހުރި ބައެއް ކަންކަން އޭރުން އައްޑޫ ކޮޅުންވެސް ކޮށް ނިންމާލެވޭނެ،" ނިޒާރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އިންޑިއާގެ މާކެޓް ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާއިރު އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުންތައް ވަރުގަދަކޮށް، ފަތުރުވެރިންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައިވެސް އައްޑޫގައި ކޮންސިއުލޭޓެއް ހުރުން މުހިއްމު ވާނެ ކަމަށް މިހާރު ދެކޭ ކަމަށެވެ. "އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުރުމާ މެދު މިހާރު ދެކޮޅު ހަދަންޖެހޭ ބަޔަކު ތިބެދާނެ ކަމަކަށްވެސް އަޅުގަނޑު ނުދެކެން،" މޭޔަރު ވިދާޅުވި އެވެ. އަލީ ނިޒާރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ ކޮސިއުލޭޓެއް އައްޑޫގައި ހުޅުވުމަށް މަޝްވަރާތަކެއް ކުރިއަށް ގެންދިޔައިރު އޭރު އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުން މިއަދު ވެރިކަމާ ހަވާލުވެ އެ މަޝްވަރާތައް ކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. "އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން އޭރު ތާއީދު ނުކުރި ބޭފުޅުން މިއަދު އެކަމަށް މަރުހަބާ ކިޔުމުން ދެން މިކަމަށް ދެކޮޅު ވާންޖެހޭ ބަޔަކު ތިބެދާނެ ކަމަކަށް ނުބެލެވޭ،" މޭޔަރު ވިދާޅުވި އެވެ. އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މެއި 2021ގެ ތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ