މާލެ: 31°C

ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހިކުރާތީ ޝާހިދު ހިތްހަމަ ޖެހިފައި

ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހިކުރާތީ ޝާހިދު ހިތްހަމަ ޖެހިފައި
October 8, 2024
3 ފަހަރު ބަލާފައި
ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހިކުރާތީ ޝާހިދު ހިތްހަމަ ޖެހިފައި
ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން އަނެއްކާވެސް ބަދަހިވެގެންދާތަން ފެނުމަކީ އުފަލެއް ކަމުގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ރައީސް, ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ވަނީ އެ ގައުމަށް ވަޑައިގެންފަ އެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި މިހާތަނަށް އިންޑިއާގެ މަތީ ފަންތީގެ ގިނަ ބޭފުޅުންނާ ބައްދަލު ކުރައްވައި ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައިވެ އެވެ. އަދި މުހިންމު ފަސް އެއްބަސްވުމެއްގައި ރާއްޖެއިން ވަނީ އިންޑިއާ އާއެކު ސޮއިކޮށްފަ އެވެ. ރައީސްގެ ދަތުރާ ގުޅުވައި "އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެމްޑީޕީ ވެރިކަމުގައި އޮތްއިރު، އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރާ މަޝްވަރާކުރެވި އަދި ކުރިއަށް ގެންދިޔަ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ތައާރަފު ކުރުމާއި ހަނިމާދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމުން ފާހަގަކުރުމާއި އޭސީސީ އާއި ޖޭއެސްސީ އަދި ކުޅިވަރުގެ ދާއިރާގެ އެމްއޯޔޫތައް އާކުރުން ފާހަގަކުރެއްވި އެވެ. އެ އެގްރިމެންޓްތަކަކީ އެމްޑީޕީގެ ސަރުކާރުގައި ޝާހިދުގެ ފޮރިން މިނިސްޓަރު ކަމުގައި އިންޑިއާ އާއެކު ކުރެވުނު މަސައްކަތުން ނިމިފައި ހުރި މަސައްކަތްތަކެކެވެ. އެކަންކަމުގެ އިތުރުން މިހާރުގެ ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމާ ދެކޮޅަށް އަޑުއުފުލި ނަމަވެސް އެކަން ކުރުމަށް ރައީސްގެ ދަތުރުފުޅުގައި އެއްބަސްވުމުން އެކަމަށް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިދިކޮޅުގައި ތިބެ އުތުރު ތިލަފަޅު ޕްރޮޖެކްޓަކީ ނުރައްކަލެއް ކަމަށް ބުނި ނަމަވެސް މިއަދު، އުތުރު ތިލަފަޅަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރު ކުރުމަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް އެބޭފުޅުން ގަބޫލުކުރެއްވުމަކީ އުފާކުރައްވާ ކަމެއްކަން ފާހަގަކުރެއްވި އެވެ. ދޮގާއި ހީލަތްތެރިކަމުގެ މަތީގައި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިނުކުރެވޭނެކަން މިހާރުގެ ސަރުކާރަށް އިހުސާސްވަމުންދާތަން ފެންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި މިއަދު ފެންނަ މަންޒަރަކީ ސަރުކާރުގައި ތަޖުރިބާއެއް ނެތް ކަމާއި އަދި ކަންކުރަންވީ ގޮތެއް ނޭނގުން ކަމުގަ އެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ގާތުގައި އޮތް އަދި އެންމެ އެކުވެރި އަދި އަވަށްޓެރި ގައުމާ އެކު ބަދަހިކުރަމުންދާ ގުޅުން އެގޮތުގައި މި ސަރުކާރުން ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ