ހިޒްބުﷲގެ ވެރިޔާގެ ނައިބުވެސް ޝަހީދު ކޮށްލީތަ؟ ހުކުރު ދުވަހުން ފެށިގެން ހަބަރެއް ނުވޭ!

ހިޒްބުﷲގެ ވެރިޔާގެ ނައިބުވެސް ޝަހީދު ކޮށްލީތަ؟ ހުކުރު ދުވަހުން ފެށިގެން ހަބަރެއް ނުވޭ!
ލިޔުން:
ސެޕްޓެންބަރު 4ވަނަ ދުވަހަށް ފަހު ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާގެ ނައިބު ހާޝިމް ޞަފީއްދީންގެ ޚަބަރެއް ނުވާ ކަން އެ ޤައުމުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. ޞަފީއްދީން ވީނުއީއެއް ނޭނގި ގެއްލިފައި ވަނީ އޭނާ ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވެރިރަށް ބައިރޫތަށް ނިރުބަވެރި ޙަމަލާތަކެއް ދިން ފަހުންނެވެ.
ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން ބައިރޫތަށް އަމާޒުކޮށް ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި ޔަހޫދީ ފައުޖުން ވަނީ ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލާފައެވެ. ޞަފީއްދީނަކީ ނަޞްރުاللهއަށް ފަހު ޙިޒްބުاللهގެ ވެރިކަމުގެ ޒިންމާތަކާ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅާއެވެ.
ސެޕްޓެންބަރު 3ވަނަ ދުވަހު ބައިރޫތުގެ ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޞަފީއްދީން ޝަހީދު ކޮށްލުމުގެ މަޤުޞަދުގައި ކަން ޔަހޫދީ ފައުޖުގެ އޮފިޝަލުންތަކެއް ކަށަވަރު ކޮށްދީފައިވާ ކަމުގައި އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސުން ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް, ޙަމަލާތަކުގައި ޞަފީއްދީން ޝަހީދުވެފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ޔަހޫދީ ފައުޖުން އަދިވެސް ދަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް މެދުކެނޑުމެއް ނެތި ބޮންއަޅަމުންނެވެ. ލުބްނާންގެ ސަލާމަތީ މަޞްދަރުތަކުން ބުނީ, އެ ސަރަޙައްދުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ހޯދަން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން ހުރަސް އެޅިފައިވާ ކަމުގައެވެ. ސެޕްޓެންބަރު 23ވަނަ ދުވަހު ލުބްނާންގެ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ވައިގެ ޙަމަލާތައް ދޭން ފެށުމަށް ފަހު, އޮކްޓޫބަރު 1ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ އެއްގަމު މަގުން އަރައި ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ޤަތުލުޢާންމުތައް ހިންގަމުންނެވެ.
ބައިރޫތާއި ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގެ އިތުރުން އެ ޤައުމުގެ އުތުރުގެ ރަށްތަކަށް ވެސް ޔަހޫދީ ފައުޖުގެ ވައިގެ ޙަމަލާތައް ވަނީ ފުޅާކޮށްފައެވެ. މި ގޮތުން, އުތުރުގައި އޮތް ބަނދަރުމަތީ ރަށެއް ކަމުގައިވާ ޠަރާބުލުސަށް ދިން ވައިގެ ޙަމަލާތަކެއްގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ އިސް މެންބަރަކާއި އޭނާގެ އަނބިދަރިން ޝަހީދު ކޮށްލިއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 25 މީހުން ޝަހީދުކޮށްލައި, އިތުރު 127 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
