މާލެ: 31°C

ތައިލެންޑްގައި ކުޑަކުދިން ދަތުރުކުރި ބަހެއްގައި ރޯވެ 23 މަރު

ތައިލެންޑްގައި ކުޑަކުދިން ދަތުރުކުރި ބަހެއްގައި ރޯވެ 23 މަރު
October 2, 2024
2 ފަހަރު ބަލާފައި
ތައިލެންޑްގައި ކުޑަކުދިން ދަތުރުކުރި ބަހެއްގައި ރޯވެ 23 މަރު
ތައިލެންޑުގެ މަދަރުސާއެއްގެ ދަރިވަރުންނާއި މުދައްރިސުން ދަތުރު ކުރަމުން ދިޔަ ބަހެއްގައި ރޯވެ 23 މީހުން މަރުވެއްޖެއެވެ. ވެރިރަށް ބެންގކޮކުގެ ރަށް ބޭރު ސަރަޙައްދެއްގައި ހިިނގި މި ހާދިސާގައި ބަހުގައި އަލިފާން ރޯވެފައި ވަނީ 40 ދަރިވަރުންނާއި މުދައްރިސުންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. މީސްމީޑިޔާގައި ޝާއިޢު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ, ބަހުގެ ތެރެއިން ކަޅު ދުން އަރަމުން ދިޔަ މަންޒަރެވެ. އަދި, އުޅަނދުގެ ތެރޭގައި ތާށިވެފައިވާ ތިބި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ. ތައިލެންޑުގެ ފޮރެންސިކް ތަޙުޤީޤީ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ތުރައިރޮންގ ޕިޔުޕާން ވިދާޅުވީ މަރުވެފައިވާ 23 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމުގައެވެ. އަދި, މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. ތައިލެންޑުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ސުރިއްޔާ ޗުންގރުންގރަންކީތު ވިދާޅުވީ މި ހާދިސާގައި ފިހިގެން އަނިޔާވި 16 ދަރިވަރުންނާއި ތިން މުދައްރިސުންނަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަމުގައެވެ. "މުދައްރިސުން ބުނީ ބަހުގެ ތެރޭގައި އަލިފާން ރޯވެފައި ވަނީ ވަރަށް ކުއްލިއަކަށް ކަމަށް. މަންޒަރު ފެނުނު މީހުންގެ ވާހަކަތަކަށް ބަލާއިރު, އަޅުގަނޑުމެންނަށް ޤަަބޫލު ކުރެވެނީ ބަހުގެ ޓަޔަރު ތަނެއްގައި ޖެހި އަލިފާން ކަނި ބުރުމާ ގުޅިގެން ބަހުގެ [ހަކަތައިގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ] ގޭސް ސިލިންޑަރުގައި އަލިފާން ހިފީ ކަމަށް. ތަޙުޤީޤުގެ ދަށުން އަޅުގަނޑުމެން މި ދަނީ އެންމެނާ ސުވާލު ކުރަމުން, ބަސް އޮޕަރޭޓު ކުރާ ކުންފުނީގެ އިހުމާލެއް އޮތްތޯ ވެސް ބަލާނަން،" ތައިލެންޑުގެ ފުލުހުންގެ ވެރިޔާ ކިއްތީރާތު ޕަންޕޭތު ވިދާޅުވިއެވެ. ދަތުރުފަތުރާ ބެހޭ ވަޒީރު ސުރިއްޔާ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ބަހަކީ ޤުދުރަތީ ގޭސް ބޭނުން ކޮށްގެން ދުއްވާ ނެޗަރަލް ގޭސް ވެހިކަލް (އެންޖީވީ)އެއް ކަމުގައެވެ. ތައިލެންޑުގެ ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު ވަނީ, މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. އޭނާ ވިދާޅުވީ, ބަހުގައި ދަތުރު ކުރަމުން ދިޔަ ދަރިވަރުންނަކީ އުތައި ތާނީ ޕުރޮވިންސުގެ މަދަރުސާއެއްގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންތަކެއް ކަމުގައެވެ. އަދި, އެ ކުދިން ބެންގކޮކަށް ޒިޔާރަތް ކޮށްފައި ވަނީ ފީލްޑް ޓްރިޕެއްގައި ކަމަށް ވެސް ޕޭޓޮންގޓާން ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ