މާލެ: 31°C

ސަލްމާން މިސްކިތުގެ އިމާމު އަދި ޑެޕިއުޓީ މިނިސްޓަރު ޖަލީލުއަށް މަކަރާ ހީލަތުގެ ތުހުމަތު؛ ފުލުހުން މައްސަލަ ބަލަން ފަށައިފި

ސަލްމާން މިސްކިތުގެ އިމާމު އަދި ޑެޕިއުޓީ މިނިސްޓަރު ޖަލީލުއަށް މަކަރާ ހީލަތުގެ ތުހުމަތު؛ ފުލުހުން މައްސަލަ ބަލަން ފަށައިފި
September 29, 2024
2 ފަހަރު ބަލާފައި
ސަލްމާން މިސްކިތުގެ އިމާމު އަދި ޑެޕިއުޓީ މިނިސްޓަރު ޖަލީލުއަށް މަކަރާ ހީލަތުގެ ތުހުމަތު؛ ފުލުހުން މައްސަލަ ބަލަން ފަށައިފި

މީގެ ދެ އަހަރު ކުރިން ކުއްލި ގޮތަކަށް މަރުވެފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ ހާޝިމް މުހައްމަދުގެ ވިޔަފާރިތައް ފޯޖުކޮށްގެން އަމިއްލަ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލްގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ހއ. ހޯރަފުއްޓަށް ނިސްބަތްވާ ހާޝިމް މަރުވެފައި އޮއްވައި ފެނުނީ ޖެނުއަރީ 2022 ގަ އެވެ.

ހާޝިމްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އޭނާގެ ވިޔަފާރީގެ ފައިސާގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި ހުރި ބަންގްލަދޭޝް މީހަކާ ގުޅިގެން އެ ވިޔަފާރިތައް ވަނީ ޖަލީލުގެ ނަން މައްޗަށް ބަދަލުކޮށްފަ އެވެ. އެކަން ކޮށްފައި ވަނީ ހާޝިމްގެ ދަރިފުޅުގެ ސޮއި ފޯޖުކޮށްގެން ކަމަށް ލިޔުންތަކެއް ތައްޔާރުކޮށްގެން ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ފޯޖަރީގެ މައްސަލައެއް މި މަހުގެ 19 ގައި ހުށަހަޅާފައިވާ ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ފަހުން ޖަލީލު، ފިހާރައެއްގެ ތެރޭގައި ހުއްޓައި އޭނާ އާއި އެހެން ބަޔަކާ ދެމެދު ޒުވާބެއް ހިނގައިގެން މި މަހުގެ 23 ގައި ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ފުލުހުން ބުނީ މުދަލާއި ގޯތި ގެދޮރުގެ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދެ ފަރާތަށް ވެސް އިރުޝާދު ދީފައިވާ ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ހާޝިމްގެ ވިޔަފާރީގެ ހަމައެކަނި ހިއްސާދާރަކީ އޭނާ ކަމަށް ވެ އެވެ. އެކަމަކު އޭނާ މަރުވި ފަހުން ހުރިހާ ވިޔަފާރިތަކެއް ހިންގަމުންދަނީ ޖަލީލު ކަމަށް ހާޝިމްގެ އާއިލާ އިން ތުހުމަތު ކުރެ އެވެ.

ކިންގް ސަލްމާން މިސްކިތުގެ އިމާމުކަން ވެސް ކުރާ ޖަލީލަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާއާ ސުވާލުކުރުމުން ޖަވާބެއް ނުދެއްވަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ