މާލެ: 31°C

މިފްކޯއަށް ސީއީއޯއަކު ލިބޭތޯ އަނެއްކާވެސް އިއުލާންކޮށްފި

މިފްކޯއަށް ސީއީއޯއަކު ލިބޭތޯ އަނެއްކާވެސް އިއުލާންކޮށްފި
September 29, 2024
2 ފަހަރު ބަލާފައި
މިފްކޯއަށް ސީއީއޯއަކު ލިބޭތޯ އަނެއްކާވެސް އިއުލާންކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް، މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއިން އަލުން އިޢުލާންކޮށްފިއެވެ. މިފްކޯއަށް ސީއީއޯ އެއް ހޯދުމަށް މީގެކުރިން ކުރި އިޢުލާން ބާޠިލްކޮށްފައިވަނީ ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ. މިފްކޯއަށް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިފެށޭ އޮކްޓޫބަރުމަހުގެ 8 ވަނަ ދުވަހު 14:00 އާއި ހަމައަށް ޕީސީބީން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ކުރި އިޢުލާންގައި ސީއީއޯގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި، މަސްވެރިކަމާއި ގުޅުންހުރި ކުންފުންޏެއް މަދުވެގެން 8 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުމާއި، މަދުވެގެން 4 އަހަރު މަސްވެރިކަމާއި ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހެއެވެ. ޕީސީބީން މިފްކޯއަށް އައު ސީއީއޯއެއް ހޯދަނީ އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު އެމަޤާމުން މިދިޔަ މޭއި މަހު ވަކިކުރުމަށް ފަހުއެވެ. މަޤާމުން ވަކިކުރުމުގެ ކުރިން ޝަމާހްވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. އޭނާ މަޤާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ. ޤައުމީ މަސްކުންފުނި، މިފްކޯއަކީ ފައިދާއެއް ނުލިބި ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ. މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނަފާ ހޯދައިދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ