މާލެ: 31°C

ޑައިވް އިންޑަސްޓްރީ ހަރުދަނާ ކުރުމަށް ގަވާއިދުތަކަށް ބަދަލު ގެންނަނީ

ޑައިވް އިންޑަސްޓްރީ ހަރުދަނާ ކުރުމަށް ގަވާއިދުތަކަށް ބަދަލު ގެންނަނީ
September 28, 2024
2 ފަހަރު ބަލާފައި
ޑައިވް އިންޑަސްޓްރީ ހަރުދަނާ ކުރުމަށް ގަވާއިދުތަކަށް ބަދަލު ގެންނަނީ
ރާއްޖޭގެ ޑައިވް އިންޑަސްޓްރީ ހަރުދަނާ ކުރުމަށް ޑައިވް އިންޑަސްޓްރީގެ ގަވައިދުތައް ބަދަލު ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ފުވައްމުލައް ޓޫރިޒަމް އެވޯޑްސް ނައިޓް 2024 ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީވެސް މިނިސްޓަރު ފައިސަލް އެވެ. ފައިސަލް ވިދާޅުވީ މިހާރު ހެދިފައިވާ ޑައިވިންއާ ބެހޭ ގަވައިދުތަކަކީ މީގެ 30 ވަރަކަށް އަހަރު ކުރިން 1991 ވަނަ އަހަރު ހެދިފައިވާ ގަވައިދުތަކެއް ކަމަށެވެ. ނަމަވެސް މިހާރު މި ގަވައިދަށް ގެންނަންޖެހޭ އިސްލާހުތައް އެބަ ހުރި ކަމަށާއި އެ މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފައިސަލްގެ ވާހަކަފުޅުގައި ވަނީ އިސްލާހު ގެންނަން ޖެހޭ އެއްކަމަކަށް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން މިހާރު ޑައިވްއެއް ނިންމާލުމަށް ފަހު ވައިގެ އުދުހުމެއް ކުރެވޭނީ 24 ގަޑި އިރު ހަމަވުމުންކަމަށް ގަވައިދުގައި ބަޔާންކޮށްފައިވީ ނަމަވެސް ގިނަ ގައުމުތަކުގައި އޮންނަ ގޮތަކީ 18 ގަޑި އިރުކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ރަސްމީ މަސައްކަތަށް ނިކުންނެވުމަށް ފަހު މި ގަވައިދުތައް އިސްލާހު ކުރެއްވުމުގެ މަސައްކަތް ފައްޓަވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި މަސައްކަތް ކުރައްވާނީ ޑައިވް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާ މަޝްވަރާއާ އެއްކޮށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގެ ޑައިވް އިންޑަސްޓްރީގައި މިހާރުވެސް 500 އަށް ވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ