މާލެ: 31°C

ޕްރިންސްޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެއާޒް ގައި ރައީސް ޑރ.މުއިއްޒު ތަގްރީރުކުރައްވައިފި

ޕްރިންސްޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެއާޒް ގައި ރައީސް ޑރ.މުއިއްޒު ތަގްރީރުކުރައްވައިފި
September 28, 2024
2 ފަހަރު ބަލާފައި
ޕްރިންސްޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެއާޒް ގައި ރައީސް ޑރ.މުއިއްޒު ތަގްރީރުކުރައްވައިފި
އދ. ގެ އާއްމު މަޖިލީހުގެ 79 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަ ޕްރިންސްޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެއާޒް ގައި ރައީސް ޑރ.މުއިއްޒު ތަގްރީރުކުރައްވައިފިއެވެ. އެމަނިކުފާނުގެ ތަގްރީރުގައި އަޅިއަޅުއްވާލައްވާފައިވަނީ އިންޑިއާ ކަނޑުގެ ބާރުތަކުގެ މެދުގައި އޮންނަ ހަމަޖެހުމަށްޓަކައި ދިވެހިރާއްޖޭގެ މުހިއްމުކަމަށާއި، އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށެވެ. އެމަނިކުފާނުގެ ތަގްރީރުގައި ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ. އަދި ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވަފައެވެ. އެގޮތުން މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށާއި، ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އެތަގްރީރުގައި ދެއްވާފައެވެ. އެމަނިކުފާނުގެ ތަގުރީރުގައި ޣައްޒާގައި ހަނގުރާމަކޮށް ނަސްލު ނައްތާލުމުގެ ޤަތުލުއާންމު ހިންގަމުން ގެންދާ ދަނޑިވަޅެއްގައި އެމެރިކާއިން މުހިއްމު މަސައްކަތްތަކެއް ކުރަންޖެހިފައި އޮތް ކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިިއެވެ. އަދި ޔުނިވަރސިޓީތައް ދެމިތިބެން ވާނީވެސް ސުލްޙަވެރިކަމާ، ޒިންމާދާރުކަމާ، މުޖުތަމަޢަށް ލާބައާއި މަންފާ ދެނިވި، މުޒާހަރާތައް ކުރުމަށް އޮތް ޙައްޤަށް އިޙްތިރާމްކުރާ، އަދި ފިކުރާއި ޚިޔާލު ފާޅު ކުރުމުގެ ވަރުގަދަ މައިދާންތަކެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ޒިޔާރަތަކީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް. ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދަޢުވަތަކަށް، "ޑީންސް ލީޑަރޝިޕް ސީރީޒް" ގެ ދަށުން ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ޑީން އަމާނީ އޭ. ޖަމާލްއާ ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނޭ ދާއިރާތަކާމެދުވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ