މާލެ: 31°C

ނަތަންޔާހޫ ތަގުރީރު ފެށުމުން ރާއްޖެއިން ދެއްކީ ފަލަސްތީނާއެކު ސާބިތުވެ ތިބިކަން

ނަތަންޔާހޫ ތަގުރީރު ފެށުމުން ރާއްޖެއިން ދެއްކީ ފަލަސްތީނާއެކު ސާބިތުވެ ތިބިކަން
September 27, 2024
2 ފަހަރު ބަލާފައި
ނަތަންޔާހޫ ތަގުރީރު ފެށުމުން ރާއްޖެއިން ދެއްކީ ފަލަސްތީނާއެކު ސާބިތުވެ ތިބިކަން

އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަން ފެށުމާއެކު، ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުގެ މަންދޫބުން އެ ޖަލްސާ ދޫކުރައްވާފައި މިއަދު ނުކުމެވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރްޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު" އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރަން ފެށުމުން އެ ތަނުން ރާއްޖޭގެ ވަފުދު ނުކުތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނާ މެދު ގެންގުޅުއްވާ ހާއްސަ ކަމާއި އެ ގައުމުގެ ހައްގުގައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، އދ. ގެ ގިނަ މެމްބަރު ގައުމުތަކުން ވަނީ އާންމު މަޖިލިހުގެ ޖަލްސާ ދޫކޮށް، އެތަނުން ނުކުމެފަ އެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އދ. ގެ އާންމު މަޖިލިހުގެ މި އަހަރުގެ ބައްދަލުވުމަށް މިހާރު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ވެސް ބައްދަލުކުރައްވައިފަ އެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭނެ މަސައްކަތްތަކުގައި ސާބިތުކަމާ އެކު ރާއްޖެ އޮންނާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައީސަށް އަރުވައިފަ އެވެ.

އާންމު މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަން އިޒްރޭލުން ހިންގަމުންދަނީ ގަތުލުއާމެއް ކަމަށާއި އެކަން ދުނިޔޭގެ ގައުމުތަކުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ